ޚަބަރު

ކޯވިޑް-19 : އިންޑިއާއިން ރާއްޖެއައި 5 މީހަކު އައިޖީއެމްއެޗުގައި ކަަރަންޓީންކޮށްފި


އިންޑިއާއިން ރާއްޖެއައި 5 މީހަކު އައިޖީއެމްއެޗުގެ ވަކި ސަރަޙައްދެއްގައި ކަރަންޓީން ކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި 5 މީހުންނަކީ ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންކަމަށެވެ. އަދި މީގެ ތެރެއިން 3 މީހުންނަކީ ކޮންމެ ދުވަހަކުވެސް ޑައިލަސިސް ހަދަންޖެހޭ ބައެކެވެ. މަބްރޫކް ވިދާޅުވީ މި 5 މީހުންގެ އިތުރުން އެމީހުންނާއެކު ދަތުރުކުރި ކުޑަ ދެކުއްޖަކާއި އެކުދިންގެ ދެ ބެލެނިވެރިންވެސް އައިޖީއެމްއެޗުގައި ކަރަންޓީން ކޮށްފައިވާކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާތީ އެ ޤައުމުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް ނާދެވިފައިތިބި 159 ދިވެއްސަކު ދިވެހި ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ. އިންޑިޔާގެ ބެންގަލޫރާއި، ކޮޗިން އިން މިއަދު މާލެ ގެނެސްފައިވަނީ އެ ޤައުމަށް އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮސް ތިބި ދިވެހިންނެވެ.

މި އެންމެންވެސް ވަނީ 14 ދުވަހަށް ކަރަންޓީން ކޮށްފައެވެ. މި މީހުންގެ ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަހަށްފަހު ހަދާ ޓެސްޓުން ނަތީޖާ ނެގެޓިވް ވުމުންނެވެ. ސަރުކާރުން މިހާތަނަށް ބޭރުގެ 4 ޤައުމެއްގައި ތިބި ބައެއް ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ. މިވަގުތު ކަރަންޓީން ފެސިލީޓި ތަކުގައި 962 މީހުން އެބަތިބިކަމަށް ނޭޝަނަލް އެމަރޖެންސި އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.