ކޯވިޑް-19އާ ގުޅިގެން މުޅި ދުނިޔެއަށް ވެސް މިވަނީ އިޤްތިސާދީ ބޮޑު ކާރިސާއަކާއި ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި، އަދި އިތުރު ބައެއްގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ރާއްޖޭގައިވެސް ކުރިމަތިވެފައިވަނީ މިފަދަ ހާލަތެކެވެ. ވަކިން ޚާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް މީގެ ގެއްލުން ބޮޑެވެ.
ގިނަ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދީ، ވަޒީފާއިން ކަނޑާލަން އިންޒާރުދީ، މުސާރައިން އުނިކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ގާތްގަނޑަކަށް 11000 އަށް ވުރެ ގިނަ މުވައްޒަފުންނަށް އެކަނިވެސް މުސާރަ ނުލިބޭގޮތަށް ޗުއްޓީ ދީފައިވާކަމަށް މުފައްޒަފުންގެ ހައްޤުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މުވައްޒަފުންނަށް ކުރިމަތިވަމުންދާ މިފަދަ މައްސަލަތައް ރިޕޯޓުކުރެވޭ ގޮތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި މި މައްސަލަތައް ރަޖިސްޓްރީކުރެވޭގޮތް ހަމަޖައްސާފައިވީނަމަވެސް މިހާތަނަށް އެ ސެންޓަރަށް ހުށަހަޅާފައިވަނީ ހާހެއްހާ މައްސަލައެވެ. މިއީ ނޯ ޕޭއަށް ފޮނުވާލި 11000 މުވައްޒަފުންނާއި އަޅާ ބަލާއިރު ވަރަށް މަދު ޢަދަދެކެވެ.
ޖޮބް ސެންޓަރަށް މައްސަލަ ހުށަހެޅުން އެހާ ފަސޭހަ ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ސެންޓަރަށް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ މިނިސްޓްރީ އޮފް ޓެކްނޮލޮޖީއިން ދީފައިވާ 'އީފާސް' އައިޑީއެއް ބޭނުންވެއެވެ. އީފާސް އައިޑީއެއް ނެތް ނަމަ މިނިސްޓްރީގެ ވެބްސައިޓުން އީފާސް އައިޑީއެއް ހަދަން ޖެހެއެވެ. އީފާސް ހެދުމަށް އެމީހެއްގެ އައިޑީކާޑުގެ މަޢުލޫމާތާއި ފޯން ނަންބަރާ އީމެއިލް އެޑްރެސް ފުރުމުން އީފާސް ލިބޭނެއެވެ. ވެބްސައިޓަށް މައްސަލަތައް ރިޕޯޓްކުރެވެނީ އެއަށްފަހުއެވެ.
ޝަކުވާ ހުށަހެޅުއްވުމަށް އީފާސް ހެއްދުމުގައި އޮންނަ މަރުޙަލާއާއެކު ގިނަ ބަޔަކަށް ޖޮބް ސެންޓަރަށް ޝަކުވާ ހުށަހެޅުން އޮންނަނީ ބުރަކަމަކަށް ވެފައެވެ. ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތައް މަދީވެސް މި ސަބަބާއި ހެދި ކަމަށްވެދާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އަހުމަދު ނިޔާޒު ވިދާޅުވީ ޖޮބް ސެންޓަރަށް ރިޕޯޓުކުރުމުގައި ސެކިއުރިޓީ ފީޗާސްތަކާއި ހެދި އުނދަގޫތަކެއް ހުރިކަމަށް ޤަބޫލުކުރާކަމަށެވެ.
އެހެން ނަމަވެސް ސެކުއިރިޓީ ވަރުގަދަކޮށްފައިވަނީ ސަރުކާރުން ރިޕޯޓުކުރާ ފަރާތްތަކަށް ވަކި ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާތީ މި ފަރާތްތަކުގެ މަޢުލޫމާތު ސައްޚަކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށް ނިޔާޒް ވިދާޅުވިއެވެ.
" އަޅުގަނޑު ޤަބޫލުކުރަން މީގައި އުނދަގޫތަކެއް އެބަހުރިކަމަށް. ސަރުކާރުން މިވަނީ މި ފަރާތްތަކަށް ބެނެފިޓްއެއް ދިނުމަށް ނިންމާފައި. އެހެންވީމަ، އަޅުގަނޑުމެން ބަލަން ބޭނުން ވީހާވެސް ރަނގަޅަށް މި ފަރާތްތައް ވެރިފައިކޮށްގެން މިކަން ކުރިއަށްގެންދިއުމަށް." ނިޔާޒް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސްދުވަހުގެ ޢިނާޔަތެއް ދޭން ނިންމާފައެވެ. މި އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ.
ސަރުކާރުން ވަޒީފާ ގެއްލޭ މީހުން ކަށަވަރުކުރަނީ ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅާ މީހުންނަށް ބެލުމަށްފަހުއެވެ. ސަރުކާރުން ދޭން ހަމަޖެހިފައިވާ ޢިނާޔަތް ލިބޭނީ ޖޮބް ސެންޓަރަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.
އެހެންކަމުން، މި ދަނޑިވަޅުގައި ވަޒީފާ ގެއްލެމުންދާ ފަރާތްތައް ވީހާވެސް އަވަހަކަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
ނިޔާޒް ވިދާޅުވީ ސެންޓަރަށް ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ޢިނާޔަތް ދިނުމުގައި ބަލަންޖެހޭ ކަންކަން މިނިސްޓްރީން ނިންމަމުންދާކަމަށެވެ. އަދި ކުރިއަށްއޮތް ހަފްތާގެ ތެރޭގައި މިކަން ނިންމުމަށް މަސައްކަތްކުރަމުންދަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" ސަރުކާރުން ޢިއުލާނުކޮށްފައި އެވަނީ ބެނެފިޓްއެއްދޭ ވާހަކަ. މިނިސްޓްރީން މި މަސައްކަތްކުރަނީ ކުރިއަށްއޮތް ތަނުގައި ޖޮބް ސެންޓަރަށް އެޕްލައިކޮށްގެން ބެނެފިޓް ދިނުމަށް. ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި ސަބްމިޓްކުރެވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ." ނިޔާޒު ވިދާޅުވިއެވެ.
ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާ ހޯދުމުގައި ލުއި ފަސޭހަކޮށްދީ ފެންވަރު ރަނގަޅު މީހުން ވަޒީފާގެ ބާޒާރަށް ނެރުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ސަރުކާރުން ޤާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ.
މި ޕްލެޓްފޯމް ޚާއްސަކުރެވިފައި ވަނީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކަށެވެ. އެހެންނަމަވެސް، ކޯވިޑް-19ގެ ސަބަބުން ބައެއް ދިވެހިންގެ ވަޒީފާ ގެއްލެމުން ދިއުމާއެކު ސަރުކާރުން މިހާރު ވަނީ މި ސެންޓަރުގައި މައްސަލަތައް ރިޕޯޓުކުރެވޭ ގޮތް ހަމަޖައްސާފައެވެ.