ކޭ.އެސް.ޖޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނަށް މުސާރަދިނުމަށް ނަގާފައިވާ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި މިމަހުގެ 12ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދޭން ނެގި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވަނީ ކުންފުނީގެ ފަރާތުން އެ ފައިސާ ބަލައި މާލެ އައި މީހާ އެނބުރި ރިސޯޓަށް ފުރަންދެން އޭނާ ހުރި ގެސްޓް ހައުސްގައި އެ ފައިސާ ބަހައްޓާފައި ހުއްޓާކަމަށެވެ.
ވަގަށް ނަގާފައިވަނީ 1،921،130 ދިވެހި ރުފިޔާއާއި 25،943.50 ރުފިޔާގެ އަގުހުރި ޑާޓާ ކާޑާއި ރައުޓަރަކާއި، 11،000 ރުފިޔާގެ އަގުހުރި 5 މޯބައިލް ފޯނާއި 29،500 ރުފިޔާގެ އަގުހުރި ރިޗާޖް ކާޑް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވީ އޭގެ ތެރެއިން ބައެއް ތަކެތި މިމަހުގެ 12 ވަނަ ދުވަހު ހޯދާފައިވާ ކަމަށެވެ. އެގޮތުން 1،518،130 ރުފިޔާއާއި ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙްޤީގުކުރަމުންނެވެ.