ދުނިޔެ

ގައިދީންނަށް ގަދަކަމުން ކާންދިނުމަށް އިސްރާއީލުގައި ޤާނޫނެއް!


އިސްރާއީލްގެ ޖަލުތަކުގައި ބަޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ ޕަލަސްތީނުގެ ގައިދީންނަށް ގަދަކަމުން ކާންދިނުމުގެ ޤާނޫނެއް އިސްރާއީލްގެ މަޖިލީހުން ފާސްކޮށްފިއެވެ.އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރައިޓިސްޓް ކޯލިޝަންގެ ފަރާތުން ވަރުގަދަ ބަހުސްތަކަކަށްފަހު އިސްރާއީލްގެ މަޖިލީހުގައި މިޤާނޫނު ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓާއިއެކުގައެވެ. މި ޤާނޫނަށް 40 މެންބަރުން އިދިކޮޅުހަދާފައިވެއެވެ.އިސްރާއީލްގެ ޖަލުތަކުގައި ތިބި ޕަލަސްތީން ގައިދީން ބަޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންދާތީ، މިކަމުގެ ސަބަބުން މީހަކު މަރުވެ ވެއްޖެނަމަ ވެސްޓް ބޭންކް އަދި އީސްޓް ޖެރޫސިލަމްގެ ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެތީ އިސްރާއީލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.ގައިދީންނަށް ގަދަކަމުން ކާންދިނުމަށް އިސްރާއީލުން މިފަދަ ޤާނޫނެއް ފާސްކޮށްފައިވާތީ މިކަން ޕަލަސްތީނުގެ ގައިދީންގެ މިނިސްޓަރ އިއްސާ ޤަރާޤީވަނީ ކުއްވެރިކުރައްވާފައެވެ.  ޤައުމީ ޑޮކްޓަރުންގެ ޔޫނިއަނުންވެސްވަނީ މިފަދަ ޤާނޫނެއް ފާސްކުރީތީ އެކަން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ. ޑޮކްޓަރުންގެ ޔޫނިއަންއިން ބުނި ގޮތުގައި ޤައިދީންނަށް ގަދަކަމުން ކާންދިނުމަށް ފާސްކޮށްފައިވާ މިޤާނޫނަކީ ވަރަށްވެސް ރަހުމްކުޑަ އަދި އިންސާނިއްޔަތާއި ޚިލާފު ޤާނޫނެއްކަމަށެވެ.އިސްރާއީލްގެ މެޑިކަލް އެސޯސިއޭޝަނުންވެސް ވަނީ މިޤާނޫނަކީ ސިއްހީ ގޮތުން ނުރައްކާތެރި އަދި ވަރަށްވެސް އަނިޔާވެރި ޤާނޫނެއްކަމަށްބުނެ، މިޤާނޫނު ތަންފީޒްނުކުރުމަށް ޑޮކްޓަރުންނާއި އޮފިޝަލުންނަށް އިލްތިމާކޮށް ގޮވާލާފައެވެ.