ޚަބަރު

ދިވެހި ބަހަކީ ޤައުމިއްޔަތުގެ ހިތް - ރައީސް


ދިވެހި ބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒުކަމަށާ، އެއީ ދިވެހި ޤައުމިއްޔަތުގެ ހިތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓްވިޓުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ރަމްޒުކަމަށާ، އެއީ ދިވެހި ޤައުމިއްޔަތުގެ ހިތުގެ އިތުރުން އަޅުގަނޑުމެން އެންމެހައި ދިވެހިން ގުޅުވާލަދޭ ފާލަންކަމަށެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ދިމާވެފައިމިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަރތު ޢިއުލާންކުރައްވާފައިވާ ދުވަސްވަރާއެވެ. އަދި މި ޙާލަތުގައި ގެއިން ބޭރަށް ނުނުކުތުމަށާއި އިޖުތިމާޢީ ދުރުހެލިކަން ބެހެއްޓުމަށް ޞިއްޙީ މާހިރުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ސްކޫލް މަސަރުސާތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތައްވެސް ވަނީ މިވަގުތު ބަންދުކޮށްފައެވެ.

އެހެންކަމުން ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ޢާއްމުނާއި ސްކޫލްކުދިން އެއްވެ ބާއްވާފަދަ އެއްވެސް ޙަރަކާތެއް ނުވަތަ އެފަދަ އެހެން ޙަރަކާތެއްވެސް ސަރުކާރުން އިންތިޒާމެއް ނުކުރައްވައެވެ.

އެހެންނަމަވެސް ދިވެހިބަހަށް އަހުލުވެރިވުމަށް ގޭގައި ކުރެވޭނެ ކަންކަން ކުރުމަށް ދިވެހި ބަހުގެ އެކެޑަމީންވަނީ އިލްތިމާސް ކުރައްވާފައެވެ. ޚާއްސަކޮށް ތުއްތު ކުދިންގެ ޝަޢުގުވެރިކަން ދިވެހި ބަހަށް އުފެއްދުމާއި އެކުދިންނަށް ދިވެހި ފޮތްތައް ކިޔައިދިނުމުގެ މައްޗަށް ބަހުގެ އެކެޑަމީންވަނީ އަލި އަޅުވާލައްވާފައެވެ. އަދި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫނާއި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ޓީވީ މެދުވެރިކުރައްވައި މިދުވަހުގެ މުނާސަބަތުގައި މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ދިވެހި ބަހުގެ ދުވަހަކީ 2015ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ރަސްމީކޮށް މިދުވަސް ފާހަގަކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ޢިއުލާންކުރެއްވީ 2015ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21ވަނަ ދުވަހުއެވެ.

މިދުވަސް ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަށެވެ. މިދުވަސް ފާހަގަކުރަނީ އެމަނިކުފާނު އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ އެޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ފާހަގަކުރަމުންއަންނަ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރެއްވުމަށް ހަމަޖެއްސެވި ދުވަހެއްކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ދިވެހިބަހަކީ ރާއްޖޭގައި ބޭނުންކުރާ ރަސްމީބަހެވެ. މިބަހުން ވާހަކަ ދައްކައި އުޅެނީ ހަމައެކަނި ދިވެހިރާއްޖޭގެ އަހުލުވެރިންނެވެ. މީގެ އިތުރުން އިންޑިއާގެ ރަށެެއްގެގޮތުގައި އޮންނަ މަލިކުގެ ރައްޔިތުންވެސް ދިވެހި ބަހުން ވާހަކަދައްކައެވެ.

ބަހުގެ ޢިލްމުވެރިން ދިވެހިބަސް ހިމަނުއްވައިފައިވަނީ އިންޑޯ އާރިޔަން ބަސްތަކުގެ ތެރޭގައެވެ. ދިވެހި ބަހުގެ ފެށުން ގޮސް ގުޅެނީ، ޕުރޯޓޯ އިންޑޯ ޔޫރަޕިއަން ބަހާއެވެ. އެބަހުން ވާހަކަދެއްކި ބަޔަކު ދެބަޔަކަށް ބެހިގެންގޮސް އުފެދުނު އިންޑޯ އިރޭނިއަން ބަސް ކަފިވެ އުފެދުނު އިންޑޯ އާރިއަން ނުވަތަ ސާންސްކިރިތު ބަހަކީ އަޅުގަނޑުމެންގެ ދިވެހިބަސް އުފެދުނު ބަސްކަމަށް ބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ.