ޚަބަރު

ބިޒް މޮބައިލް ފިހާރަ ފަޅާލި މައްސަލައިގަ 2 މީހަކު ހައްޔަރުކޮށްފި


ބިޒް މޮބައިލް ފިހާރަ ފަޅާލާ، އެތަނުން ވަގަށް ނެގި ތަކެތީގެ ތެރެއިން 62000 ރުފިޔާގެ ތަކެތި ހޯދާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހު ބިޒް މޮބައިލް ފިހާރައިން ވައްކަން ކޮށްގެން 75،000 އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ނެގިކަމަށެވެ. އޭގެ ތެރެއިން 62،000 ރުފިޔާގެ ތަކެތި ހޯދާ، ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށާއި އެހެން ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިދިޔަ މަރޗް މަހުގެ 30 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވަކަމަށެވެ. އަދި މިިދިޔަ މަހުގެ 31 ވަނަ ދުވަހު 39 އަހަރުގެ ދިވެހި ފިރިހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ދެ މީހުން އެ ތަނުން ވައްކަންކުރި ކަމަށް އެއްބަސް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރެއިން ފިރިހެން މީހާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރަން ދޫކޮށްލާފައިވާ މީހެއް ކަމަށާއި މިހާރު އޭނާ ކަރެކްޝަންސްއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ބިޒް މޮބައިލް ފިހާރައިން ބަޔަކު ވައްކަން ކުރިއިރު، އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި، 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ވަގަށް ނަގާފައެވެ.