ކަޅުވަކަރު މިސްކިތް ބެހެއްޓުމާއި ގުޅޭ ހުރިހާ މަސައްކަތެއް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެކަމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ ތަރިކަ ރައްކާތެރިކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެދަށުން ކުރި ވަރަށް ކާމިޔާބު މަސައްކަތެއްކަމަށެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް، މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. މިސްކިތް އަލުން ރޭވުމުގެ މަސައްކަތްކުރަނީ ސަލްޓަންޕާކާއި އިންވެގެން ކުރީގެ ދިރާގު ހުރި ބިމުގައެވެ.
ކަޅުވަކަރު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ އާސާރީ ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. 200އަށްވުރެ ގިނައަހަރުވީ މި މިސްކިތް ހިރިގަލުން ހަދާފައިވާއިރު، މި މިސްކިތުން ދިވެހިންގެ ގަލުވަޑާމާއި ވަޑާމުގެ ހުނަރު ވަރަށް ފުރިހަމައަށް ފެނެއެވެ.
ކުރުމުއްދަތެއްގެ ތެރޭގައި މިސްކިތް ރޭވުމަށް ކުރިން ޢަމާޒުކުރިނަމަވެސް، ހިރިގަލާއި މިސްކިތުގެ ބައިތައް ހަމަކޮށް އެ ތަކެއްޗަށް ދޭންޖެހޭ ފަރުވާދީ ލަކުޑިއާއި ހިރިގަލުގެ ބައެއް ބައިތަށް ހަލާކުވެފައިވުމުން އެތަކެތި މަރާމާތުކުރަންޖެހުމުގެ ސަބަބުން މަސައްކަތް ނިންމުމަށް ލަސްތަކެއް ދިމާވިއެވެ. ޢަމަލީގޮތުން މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފެށީ މިފިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އަދި މިސްކިތަކީ ދުވަސްވެފައިވާ މިސްކިތަކަށްވުމާއިއެކު، މިސްކިތުގެ މަސައްކަތް ކުރިއަށްގެންދިޔައީ މިސްކިތުގެ ބައިތަކަށް ގެއްލުން ނުވާނެހެން ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.
ކަޅުވަކަރު މިސްކިތް ރާވާފައިވަނީ އެންމެ ކުރިން މިސްކިތް ފެންނަން ހުރިގޮތަށެވެ. ދިވެހި ބަހުގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވީ މިސްކިތާއި ގުޅޭ ހުރިހާ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މިސްކިތުގެ ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށެެވެ.
"މިސްކިތުގެ މަސައްކަތްތައް އެވަނީ ނިމިފައި. ރަސްމީކޮށް ހުޅުވުން ދެން އޮތީ. ލަސްތަކެއް މިއުޅެނީ މިހާރުގެ ޙާލަތާއި ގުޅިގެން. މިހާރު ގަސްއިންދުމާއި ލޭންޑް ސްކޭޕިންގްގެ މަސައްކަތް ކުރިއަށްދަނީ. މިއީ ވަރަސް ކާމިޔާބު މަސައްކަތެއް." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
މިސްކިތް ހުޅުވިނަމަވެސް މިސްކިތް ބޮޑަށް ބޭނުންކުރާނީ އާސާރީ ސަރަހައްދެއްގެ ގޮތުގައެވެ. އަދި ނަމާދުކުރަން ބޭނުންވާ މިހުންނަށް މިސްކިތުގައި ނަމާދުވެސް ކުރެވޭނެއެވެ.
މުޅި ކަޅުވަކަރު މިސްކިތުގައި ގާތްގަނޑަކަށް 550 ހިރިގާ ބްލޮކް ބޭނުންކޮށްފައިވެއެވެ. 200 އަހަރުވެފައިވާ ކަޅުވަކަރު މިސްކިތަކީ އައްސުލްޠާން ޙަސަން ނޫރައްދީން، އިސްކަންދަރު މަހާރަދުން މާލޭގައި ބިނާކުރެއްވި މިސްކިތެކެވެ. މިމިސްކިތް މީގެކުރިން 3 ތަނަކަށް ބަދަލުކޮށްފައިވެއެވެ.