ޚަބަރު

ރިޕޯޓުކުރި ޢަދަދަށްވުރެ ބްރެޒިލުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މަތިވާނެ


ބްރެޒިލުގައި ކޯވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދަށްވުރެ ބަލިމަޑުކަން ޖެހުނު މީހުންގެ ނިސްބަތް 12 އިންސައްތަ އިތުރުވުން އެކަށީގެންވާކަމަށް ދިރާސާރަކުން ދައްކައިފިއެވެ.

ބްރެޒިލްގެ ރަސްމީ އިދާރާތަކުން ބުނެފައިވާގޮތުގައި ކޯވިޑް-19ގެ އަސަރުކޮށްފައިވާ 23،700އަށްވުރެ ގިނަ މީހުން މިހާތަނަށް އެޤައުމުންވަނީ ފެނިފައެވެ. އަދި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ 1،355އަށް އިތުރުވެފައެވެ. އެޤައުމުގެ ޞިއްޙާތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާގޮތުގައި ބަލިޖެހިފައިވާކަމަށް ޝައްކުކުރެވޭ 127،000އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ނަމަވެސް ބަލިޖެހިފައިވާކަން ޔަޤީންކުރުމަށް ތަހުލީލުކުރެވިފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 63،000 މީހުންނެވެ. އަދި 93،000 މީހުންގެ ތަހުލީލުގެ ނަތީޖާ ނުލިބިވާކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

ބްރެޒިލްގެ ގިނަ ޢަދަދެއްގެ ޔުނިވާސިޓީތަކާއި ތަޢުލީމީ މަރުކަޒުތަކުން އެކުލަވާލި ދިރާސާއިން ދައްކާގޮތުގައި އެޤައުމުގެ ސަރުކާރުން ބަލިޖެހިފައިވާކަމަށް ރަސްމީކޮށް ހާމަކޮށްފައިވާ ޢަދަދުތަކަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވުން އެކަށީގެންވެއެވެ. އެއީ ބަލިމަޑުކަން ފެތުރުން ހުއްޓުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާތީއާއި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު މަދުވުމާއި ތަހުލީލުގެ ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގާތީކަމަށް އެދިރާސާގައި ބުނެފައިވެއެވެ.

އެދިރާސާ އެކުލަވާލި ސެންޓަރ ފޮރ ހެލްތު އޮޕަރޭޝަންސް އެންޑް އިންޓެލިގެންސުންވަނީ އޭޕްރިލް މަހުގެ 10ވަނަ ދުވަހާ ހަމައަށް ބަލިޖެހުނުކަމަށް ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދާއި އެޤައުމުގައި ބަލިމަޑުކަމުގެ ސަބަބުން މީހުން މަރުވާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކޮށްފައިވާ ޢަދަދުތަކާ އަޅާ ކިޔާފައެވެ.

ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދާ އަޅާބަލާއިރު ބަލިމަޑުކަމުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަކަމަށް ދިރަސާއިންވަނީ ދައްކާފައެވެ. އަދި ބެލެވޭ ގޮތުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުގެ ގޮތުގައި ހާމަކޮށްފައިވާ ޢަދަދަކީ ހަޤީޤީ ޢަދަދުގެ 8 އިންސައްތަކަމަށް ޤަބޫލުކުރެވޭކަމަށް އެދިރާސާގައި ބުނެފައިވެއެވެ.

ބްރެޒިލްގެ ސަރުކާރުން ބައްޔަށް ޝައްކުކުރެވޭ އެންމެން ތަހުލީލެއް ނުކުރެއެވެ. އޭގެ ބަދަލުގައި ތަހުލީލުކުރަނީ ޙާލު ދެރަ މީހުން އެކަންޏެވެ. ޞިއްޙީ މާހިރުންވަނީ ނަތީޖާ ލިބުމަށް ގިނަ ވަގުތު ނަގާތީ އެކަމުގެ ޝަކުވާވެސް ކޮށްފައެވެ.

ބްރެޒިލްގެ ޞިއްޙާތާ ބެހޭ ވަޒީރު ލުއިޒް އެންރިކޭ މަންދެތާވަނީ ތަހުލީލުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. ބްރެޒިލަކީ ބިން ބޮޑު ޤައުމަކަށްވުމުން އެންމެ އެދެވޭ ގޮތަކަށް ތަޚުލީލުނުކުރެވޭކަމަށް އޭނާވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި ތަޙުލީލުކުރުމުގެ އިންތިޒާމްތައް މިހާރަށްވުރެ ރަނގަޅުކުރަންޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ބްރެޒިލްގައި ނޭވާލުމުގެ ނިޡާމަށް މައްސަލަ ދިމާވެގެން ހަސްފަތާލުތަކުގައި މިދުވަސްވަރު އެނދުމަތިކޮށްފައިވާ މީހުންގެ ޢަދަދުވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފައެވެ. ނަމަވެސް އޭގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ 12 އިންސައްތަ މީހުންނެވެ. ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ހަޤީޤީ ޢަދަދު ހާމަނުކުރާނަމަ ބަލިމަޑުކަން ފެތުރޭ މިންވަރު ހަމައަކަށް އެޅެންފަށާފައިވާކަމަށް ބެލެވި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަކުރުމަށް މަގުފަހިވާނެކަމެއްކަމަށް ދިރާސާހެދި ފަރާތުން ޤަބޫލުކުރެއެވެ. އަދި އޭޕްރިލް މަހުގެ 20ވަނަ ދުވަހާ ހަމައަށް އެޤައުމުގައި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 25،000އާއި 60،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެކަމަށްވަނީ ލަފާކޮށްފައެވެ.

ބްރެޒިލްގައި ކޯވިޑް-19 ފެތުރޭނެ މިންވަރު ދިރާސާކޮށް މީގެ ކުރިން އެމަރުކަޒުން ލަފާކޮށްފައިވާ ޢަދަދުތައްވަނީ ދިމާވެފައެވެ