ޚަބަރު

އައިއެމްއެފްއިން 25 ޤައުމެއްގެ ދަރަނި އަދާކުރުމަށް އެހީތެރިވަނީ


ކޮވިޑް-19އާ ދަރަނި އަދާކުރަން ދަތިވެފައިވާ ފަގީރު 25 ޤައުމަށް ދަރަނި އަދާކުރުމަށް އެހީތެރިވުމުގެ ގޮތުން ޑެޓް ރިލީފް ފަންޑެއް ހަމަޖެއްސުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފްއިން ނިންމައިފިއެވެ. މިގޮތުން ކުރިޔަށް އޮތް 6 މަސް ތެރޭގައި މި ޤައުމުތަކަށް ދަރަނި އަދާކުރުމަށް އެހީތެރިވާނެކަމަށް އައިއެމްއެފްއިން ބުނިއެވެ.

ކޮވިޑް-19އާ ގުޅިގެން ޤައުމުތަކަށް އިޤްތިސާދީ އިޖްތިމާއީ ގޮތުން ކުރަމުންދާ ދަތިތަކުން އަރައިގަތުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައެވެ. އިޤްތިސާދީ ގޮތުން ދިމާވާ ދަތިތަކުގެ ތެރޭގައި ފަޤީރު ޤައުމުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ބޮޑު ދަތިތަކަކާ ދަނީ ކުރިމަތިވަމުންނެވެ. މިކަމުގައި އެހީތެރިވުމުގެ ގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ ކެޓަސްޓްރޮފީ ކޮންޓެއިންމަންޓް އެންޑް ރިލީފް ޓްރަސްޓް، ސީސީއާރުޓީގެ ދަށުން 25 ޤައުމަށް ދަރަނި އަދާކުރުމަށް ހާއްސަ ފަންޑުތަކެއް ދިނުމަށް މިވަނީ ނިންމާފައެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ އައިއެމްއެފްގެ ބޯޑުން ވަނީ 25 ޤައުމަކަށް އެޤައުމުތަކުގެ ދަރަނި އަދާކުރުމަށް އެހީވުމަށް ފަންޑު ދޭން ފާސްކޮށްފައެވެ. އަދި މިއީ މިގޮތުން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ބުރުކަމަށެވެ. ޖޯޖީވާ ވިދާޅުވީ މިގޮތުން ފުރަތަމަ އެހީވާ 25 ޤައުމުގެ ދަރަނި އަދާކުރުމަށް އެހީވުމަށް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ފަންޑު ދޭނެކަމަށެވެ.

މިގޮތުން އެހީތެރިވާ ޤައުމުތަކުގެ ތެރޭގައި އަފްޤާނިސްތާން، ބެނިން، ބުރްކީނަފާސޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ޗަޑް، ކޮމޮރޯސް، ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ގަންބިއާ، ގިނީ، ގިނީ ބިސާއޯ، ހައިޓީ، ލައިބީރިއާ، މަޑަގަސްކާ، މަލާވީ، މާލީ، މޮޒަންބީކް، ނޭޕާލް، ނައިޖާ، ރުވާންޑާ، ސައު ތޯމޭ އެންޑް ޕްރިންސީޕި، ސިއަރާ ލިއޯން، ސޮލޯމޯން އައިލެންޑްސް، ތަޖަކިސްތާން، ތޯގޯ އަދި ޔަމަން ހިމެނެއެވެ.

މިޤައުމުތަކަށް ދަރަނި އަދާކުރުމަށް 215 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފުރަތަމަ 6 މަސް ދުވަހު ދޭނެކަމަށް އައިއެމްއެފްއިން ބުނެއެވެ. އަދި އިތުރު އެހީ ބޭނުންވާނަމަ އިތުރު ފަންޑު ހޯދާނެކަމަށް އައިއެމްއެފްއިން ބުނެއެވެ.

އައިއެމްއެފްއިން ބުނީ ސީސީއާރުޓީގެ ދަށުން ޤައުމަތަކަށް އެހީވުމަށް 500 މިލިއަން ޑޮލަރުގެ ފަންޑު މިހާރުވެސް އެއްކުރެވިފައިވާކަމަށެވެ. މީގެތެރޭގައި އިނގިރޭސިވިލާތުން ދީފައިވާ 185 މިލިއަން ޑޮލަރާއި ޖަޕާނުން ދީފައިވާ 100 މިލިއަން ޑޮލަރު އަދި ޗައިނާއާއި ނެދަލޭންޑްސްއިން ދީފައިވާ އެހީތެރިކަން ހިމެނޭކަމަށް އައިއެމްއެފްއިން މައުލޫމާތުދެއެވެ. ސީސީއާރުޓީ ފަންޑަށް 1.4 ބިލިއަން ޑޮލަރު ހޯދުން އެއީ އައިއެމްއެފްގެ އަމާޒެކެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ މިއީ އެންމެ ފަޤީރު އަދި ނާޒުކު ޤައުމުތަކުގެ ދަރަނި އަދާކުރުމުގައި އެހީވުމަށް ކުރެވޭ ކަމެއްކަމަށާއި، އެޤައުމުތަކުގެ ދަރަނި ދެއްކުމަށް މިފަންޑުން އެހީވުމުގެ ބޭނުމަކީ އެޤައުމުތަކުގެ އަމިއްލަ މާލިއްޔަތުން ޒަރޫރީ އެހެން ކަންކަމަށް ހޭދަކުރުމަށް ބާރު އެޅުންކަމަށެވެ. މިގޮތުން ދަރަނި ދައްކަން ފައިސާ ހޭދަނުކޮށް، ސިއްހީ އަދި އެހެން ޒަރޫރީ ބޭނުންތަކަށް ފައިސާ ދެއްކުމަށް މިކަމުގެ ސަބަބުން މަގުފަހި ވެގެން ދާނެކަމަށެވެ.

ޖޯޖީވާ ވަނީ އައިއެމްއެފްއަށް އެހީތެރިވާ ފާރަތްތަކަށް ސީސީއާރުޓީ ފަންޑަށް އިތުރު ޑޯނޭޝަންތައް ދިނުމަށް އެދިފައެވެ. އަދި މިފަންޑުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރު ދުވަހަށް ފަޤީރު ޤައުމުތަކުގެ ދަރަނި އަދާކުރުމަށް އެހީތެރިވުމަށް މަސައްކަތް ކުރާނެއެވެ. އައިއެމްއެފްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެން ޖެހޭ ޤައުމުތަކަށް އެހީވުމަށް އެއިދާރާގެ ރަނުގެ ރިޒާވް ވިއްކުމަށް ވިސްނަމުންނެވެ. އައިއެމްއެފްގައި 140 ބިލިއަން ޑޮލަރުގެ ރަން ހުރިކަމަށް ލަފާކުރެވެއެވެ.