ޚަބަރު

ކޯވިޑް-19 : ބެންގަލޫރާއި ކޮޗިންގައި ތިބި ދިވެހިން ރާއްޖެ ގެނެސްފި


ކޯވިޑް19އާ ގުޅިގެން އިންޑިޔާގެ ބެންގަލޫރާއި ކޮޗިންގައި ރާއްޖެ ނާދެވިފައި ތިބި 159 ދިވެހިން ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ އިންޑިޔާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް ނާދެވިފައިވާ 159 މީހަކު މިހާރު ގެނެސްފައިވާކަމަށެވެ. މިމީހުން ގޮވައިގެން ރާއްޖެ އައި ފްލައިޓް ޖައްސާފައިވަނީ މިއަދު މެންދުރު އެކެއް ޖެހިއިރުއެވެ. އިންޑިޔާގެ ބެންގަލޫރާއި، ކޮޗިން އިން މިއަދު މާލެ އައިސްފައިވަނީ އެ ޤައުމަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސްތިބި ދިވެހިންނެވެ.

މިއަދު ރާއްޖެ އަންނަ ހުރިހާ ދިވެހިންވެސް ފުރަތަމަ ގެންދާނީ 14 ދުވަހުގެ ކަރަންޓީން އަށެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލާނީ ކޯވިޑަށް ޓެސްޓުކުރުމަށްފަހުއެވެ. މިހާތަނަށް އައިރު ރާއްޖެއިން ބޭރުގެ 4 ޤައުމެއްގައި ތިބި ދިވެހިން ވަނީ ރާއްޖެ ގެނެސްފައިއެވެ.

ދިވެހިން ގެނައި ޤައުމުތައް

- ސްރީލަންކާގައި ތިބި 100 މީހުން
- އިންޑިޔާގެ ޓްރިވެންޑްރަމްގައި ތިބި 205 މީހުން
- އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 159 މީހުން
- އިންޑިޔާގެ ކޮޗިންގައި ތިބި 188 މީހުން
- މެލޭޝިއާގައި ތިބި 197 މީހުން
- ނޭޕާލްގައި ތައުލީމު ހާސިލްކުރަމުންދިޔަ 35 ދަރިވަރަކު

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން 884 ދިވެހިން މިހާތަނަށް ވަނީ ރާއްޖެ ގެނެސްފައެވެ.

ބަންގްލަދޭޝްގައި ތިބި ދިވެހިންވެސް ރާއްޖެ ގެނައުމުގެ މަޝްވަރާ ކުރަމުންދާކަން (އެންއީއޯސީ) ވަނީ ހާމަކޮށްފައެވެ.

މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން ކޮންމެެހެން އަންނަން ނުޖެހޭ ފަރާތަތައް އެ ގައުމެއްގައި މަޑުކޮށް، ހާލުގައި ތިބި ފަރާތްތަަކަށް ފުރުސަތު ދެއްވުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ވަނީ އިލްތިމާސްކުރައްވާފައެވެ.