ޚަބަރު

އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ އަށް ދީފި


މުޅި ރާއްޖެއަށް ފިކްސްޑް ލައިން އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް އުރީދޫ އަށް މިއަދު ދޫކޮށްފިއެވެ.އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް އުރީދޫ އަށް ލިބުނީ ޓެލެކޮމިއުނިނޭޝަނުން މުޅި ރާއްޖެއަށް އިންޓަނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބިޑް ކާމިޔާބުކޮށްގެންނެވެ.މިއަދު ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނެޓް ސާރވިސް ޕްރޮވައިޑަރ ލައިސަންސް ގެ ލިޔުން އުރީދޫ އާއި ޙަވާލުކޮށްދެއްވީ މުވާޞަލާތީ ދައިރާގެ ވަޒީރު ، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު.އުރީދޫގެ ފަރާތުން ލައިސަންސް އާއި ޙަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހްއެވެ.އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް ދޫކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީން ހުޅުވާލި ފުރުޞަތުގައި ދެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ މީޑިއާ ނެޓުންނެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ، އިންޓަނެޓް ގެ ޚިދުމަތް ދޭނެ ފަރާތެއް އިތުރުވެގެން ދިއުމަކީ ، މި ޚިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ޚިދުމަތުގެ ފެންވަރ ރަނގަޅުވެގެންދާނެކަމެއް ކަމަށެވެ.މުޅި ރާއްޖެއަށް ބްރޯޑް ބޭންޑް އިންޓަނެޓް ގެ ޚިދުމަތް ދިނުމަށް އުރީދޫއަށް ލައިސަންސް ދިނުމާއި އެކު އެންމެ ފުރަތަމަ މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ އާއި ހުޅުމާލެއަށެވެ. އަދި ކުރިއަށް އޮތް ދެ ތިންމަސްދުވަހުގެ ތެރޭޭގައި މި ޚިދުމަތް ދިނުމުގެ މަސައްކަތް ފަށާނެކަމަށް އުރީދޫން މައުލޫމާތުދެއެވެ. އުރީދޫން ބްރޯޑް ބޭންޑް އިންޓަނެޓްގެ  ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ފައިބަރ އޮޕްޓިކަލް ބޭނުންކޮށްގެންކަމަށެވެ.އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ، ފުރަތަމަ މާލެއަށް މި ޚިދުމަތް ދިނުމަށް ފަހު އާބާދީ ބޮޑެތި ރަށްރަށާއި ، ރިސޯޓްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށެވެ. އުރީދޫ އަށް މި ޚިދުމަތް ދިނުމާއި އެކު ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަދަދު މިހާރުވަނީ ތިނަކަށް އިތުރުވެފައެވެ. އޫރީދޫގެ އިތުރުން މިހާރު އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވަނީ، ދިރާގާއި ފޯކަސް އިންފޯކޮމް އަށެވެ.