ޚަބަރު

ގޭގައި ތިބޭއިރު ކިޔާފޮތަކީ ދިވެހި ފޮތަކަށް ހައްދަވާ - އެކެޑަމީ


ކޯވިޑް 19ގެ މި ދަނޑިވަޅުގައި ގޭގައި ތިބެން ލިބޭ ދުވަސްތަކަކީ، ދިވެހި ބަހަށް އަހުލުވެރިވެ ދިވެހި ފޮތް ކިޔާ ދުވަސްތަކަކަށް ހެދުމަށް ދިވެހިބަހުގެ އެކެޑަމީން އެދިވަޑައިގެންފިއެވެ.

ކޮންމެ އަހަރެއްގެ އޭޕްރިލްމަހުގެ 14ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިންނަށް ލިބިފައިވާ އަމިއްލަ މާދަރީ ބަހުގެ އުފާލިބިގަނެ، ބަސް މިގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ފޮތް ކިޔުމާއި މުޢާމަލާތްކުރުން: އިސްކަން ދިވެހިބަހަށް" މި ޝިއާރަށެވެ.

ދިވެހި ބަސް ބޭނުންކުރަންވީ ބަހުގެ ދުވަހާއި އެކި ގޮތްތަކުން ފާހަގަކުރާ ޤައުމީ ދުވަސްތަކުގައި އެކަންޏެއް ނޫނެވެ. ކޮންމެ ދުވަހަކީވެސް އަހަރަމެންގެ މާދަރީބަހުން އާ ބަސްތައް ދަސްކޮށް ބަސް ކުރިއަރުވާ ދުވަހަކަށް ހަދަން ޖެހެއެވެ. މިފަދަ ދުވަހެއްގައި ބަހުގެ އެކެޑަމީން ބާރުއަޅަނީ ދިވެހި ބަހުން ލިޔެފައިވާ ފޮތްތައް ކިޔުމާއި ދިވެހި ބަހުން މުޢާމަލާތްކުރުން އިތުރުކުރުމަށެވެ. އަދި ދިވެހި ބަސް ބޭނުންކުރެވެން އޮންނަ ކޮންމެ ޙާލަތެއްގައި ދިވެހި ބަސް ބޭނުންކުރުމަށާއި، ލިޔެކިޔުމުން ދިވެހިން ހިންގަންޖެހޭ ކޮންމެ މުޢާމަލާތަކީ ދިވެހި ތާނަ އަކުރުން ލިޔާ އެއްޗަަކަށް ހެދުމަށެެވެ. އަދި އާއްމު ދިރިއުޅުމުގައި ވާހަކަދެއްކުމުގައިވެސް ދިވެހި ބަހަށް އިސްކަންދީ ދިވެހި ބަހުން ވާހަކަދެއްކުމަށެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަސް ދިމާވެފައިމިވަނީ ކޯވިޑް 19އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ގިނަ ވަގުތު ހޭދަކުރާ ދުވަސްތަކަކަށްވާތީ، މިދުވަސްވަރު ދިވެހި ބަހަށް އަހުލުވެރިވުމަށް ގޭގައި ކުރެވޭނެ ކަންކަން ކުރުމަށް ބަހުގެ އެކެޑަމީންވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ދިވެހި ބަހަށް ތުއްތު ކުދިން ޝަޢުގު އުފެއްދުމާއި އެކުދިންނަށް ދިވެހި ފޮތްތައް ކިޔައިދިނުމުގެ މައްޗަށް ބަހުގެ އެކެޑަމީންވަނީ އަލިއަޅުވާލައްވާފައެވެ.

ތުއްތު ކުދިންނާއި ސާފު ދިވެހި ބަހުން ވާހަކަދެއްކުން އިސްކުރުމާއި، އެކަހެރިކޮށް ތިބޭއިރު ފޫހިފިލުވަން ކިޔާ ފޮތްތަކަކީވެސް ދިވެހި ބަހުން ލިޔެފައިވާ ފޮތަކަށް ހެދުމަށް ބަހުގެ އެކެޑަމީންވަނީ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ތުއްތު ކުދިންނާއި ސާފު ދިވެހި ބަހުން ވާހަކަދެއްކުމަކީ އެ ކުދިންގެ ތަރުބިއްޔަތު ހަރުދަނާވުމުގެ އިތުރަށް ބަހުުގެ ހުނަރުތައް ވަރުގަދަކޮށްދޭ ކަމެއް ކަމަށާއި، މިއާއިއެކު ދިވެހި ވެއްޓާއިމެދު އޮންނަ ބީރަށްޓެހިކަން ފިލައި ދިވެހި ވަންތަކަމާއި ދިވެހިންގެ ދިރިއުޅުމަށްވެސް އަހުލުވެރިވާކަމެއް ކަމަށް ބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

ނަމަވެސް މިހާރު އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ޓީވީއާއި އިންޓަނެޓް މެދުވެރިކޮށް ކުދިންބަލާ އެކި ކަހަލަ އެއްޗެތީގެ ސަބަބުން، އާ ޖީލު ދިވެހި ބަހާއި ދުރުވަމުންދާ މަންޒަރެވެ. އަދި އެކުދިންނާއި ވާހަކަދެއްކުމުގައި މައިންބަފައިން އެކި ބަސްތައް މަސްހުނިކޮށްގެން ބޭނުންކުރުން އިތުރުކަން ފާހަގަވެއެވެ.

ދިވެހި ބަހަކީ އަހަރަމެން ދިވެހިންގެ ފަޚުރާއި ޝަރަފެވެ. އެހެންކަމުން މިއަދުގެ ޝިއާރާއި އެއްގޮތަށް ދިވެހި ފޮތް ކިޔުމަށް އިސްކަންދީ ދިވެހި ބަހުން ވާހަކަދައްކާނަމަ، އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް، ބަހުގެ އަސްލާއި އެއްގޮތަށް ގެންދިއުމަށް ބާރަކަށްވާނެއެވެ.