ޚަބަރު

ޤާނޫނުގައި ބުނާ މުއްދަތުގައި ކައުންސިލް އިންތިޚާބެއް ނުބޭއްވޭނެ - އިލެކްޝަންސް ކޮމިޝަން


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވެން ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މިމަހުގެ 18ވަނަ ދުވަހު ބޭއްވުމަށް އިޢުލާންކޮށްފައިވަނިކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އިންތިޚާބުގެ ކަންކަން ކުރިއަށްދާނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބޭއްވެން މިޙާލަތުގައި ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

އަދި ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި، އިންތިޚާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު ނުވަތަ މިކަމުގައި ޢަމަލުކުރާނެ ޤާނޫނީ ޙައްލެއް ލިބުމާއެކު 2020ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ކޮމިޝަނުން އިތުރަށް ކަނޑައަޅާ ގޮތެއް އަންގަމުންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

މިމިހުގެ 18ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތާވަލްކޮށްފައިވާ އިންތިޚާބުގެ ގިނަ މަސައްކަތްތަކެއް ކޮށް، ކެންޑިޑޭޓުންގެ ނަންބަރުވެސް ވަނީ ތަރުތީބުކޮށްފައެވެ. މިގޮތުން ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 2435 މީހުން ވަނީ ކުރިމަތިލާފައެވެ.