ޚަބަރު

ވިޔަފާރިވެރިން ވެންޓިލޭޓަރު ހޯދައިދިނުމަކީ ސަރުކާރުން ހެޔޮހިތުން ބަލައިގަންނާނެ ކަމެއް: މަބްރޫކް


ކޯވިޑް19 ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިން ވެންޓިލޭޓަރުފަދަ ވަސީލަތްތައް ހޯދަދައިދޭނަމަ އެކަން ސަރުކާރުން ހެޔޮހިތުން ބަލައިގަންނާނެކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތުތައް ޙިއްސާކުރެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިވެރިން ވެންޓިލޭޓަރުތައް ހޯދައިދޭނަމަ، ސަރުކާރުން އެކަން ބަލައިގަންނާނެތޯ ސުވާލުކުރުމުން އެންއީއޯސީގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ސިއްޙީ ނުރައްކަލުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު މި ވަގުތަކީ ވީހާވެސް ގިނައިން ވެންޓިލޭޓަރު ބޭނުންވެފައިވާ ވަގުތެއް ކަމަށެވެ.

"ވެންޓިލޭޓަރުތައް ބަޔަކު ހޯދައިދިނުމަކީ ވަރަށް ރަނގަޅުކަމެއް. ލިބުނުވަރަކަށް ވެންޓިލޭޓަރުތައް ސަރުކާރުން ބޭނުން؛ އަޅުގަނޑުމެންނަށް ރަނގަޅީ އިތުރުވިވަރެއް. އަދި އެކަމުގައި އެހީތެރިވުމުގެ ގޮތުން އެކި ވިޔަފާރިތަކުން މިކަންކޮށްދެއްވަންޏާ ސަރުކާރުން އުފަލާއެކު ބަލައިގަންނާނެ" މަބްރޫކް ވިދާޅުވިއެވެ.

މާލެއާއި އަތޮޅުތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށް މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރުކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މިއާއެކު މިހާރުވެސް 135 ވެންޓިލޭޓަރު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ބަޔާކާއި ހަވާލުކޮށްފައިވާކަމުގައި މަބްރޫކު ވިދާޅުވިއެވެ. އެވެންޓިލޭޓަރުތައް ގެނައުމުގައި ލަސްވެފައިވާކަމަށާއި، އެހެން ދިމާވީ އެތަކެތި ކާގޯ ކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންކަށް މަބުރޫކު ވިދާޅުވިއެވެ. މިއާއެކު އެތަކެތި ރާއްޖެއަށް ގެނެވޭނެ ސީދާ ތާރީޚެއް އަދި ދެންނެވެން ނެތްކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.