ވިޔަފާރި

ކޯވިޑް-19 : ވަޒީފާއާ ބެހޭ 1159 މައްސަލައެއް ހުށަހަޅައިފި


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވަޒީފާއިން ވަކިކުރާ މީހުންނަށާއި ވަޒީފާގެ މާޙައުލުގައި ދިމާވާ ކަންކަން ޙިއްސާކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 1159 މައްސަލައެއް ހުށަހަޅާފައިވާކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލުމުން މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ 1159 މީހަކު ކަމަށެވެ.

މިދިޔަ ހަފްތާގައި މި ސެންޓަރަށް ޝަކުވާ ހުށަހަޅާފައިވަނީ 700 އެއްހައި މީހުންނެވެ. އެހެންނަމަވެސް ސަރުކާރުގެ އިލްތިމާސާއެކު މިޢަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.

ޖޮބް ސެންޓަރަށް މިހާރު ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައީ މުސާރަ ނުލިބޭގޮތަށް ޗުއްޓީދީގެން ހުށަހަޅާފައިވާ މައްސަލައެވެ. މީގެ އިތުރުން ވަޒީފާ ކަނޑާލައިން ހުށަހަޅާފައިވާ މައްސަލަތަކާއި މުސާރަ، ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްގެން ހުށަހެޅި މައްސަލަތަކާއި ވަޒީފާއިން ސަސްޕެންޑްކޮށްގެން ހުށަހެޅި މައްސަލަތަކާއި ޢިނާޔަތްތައް ނުލިބިގެން ހުށަހެޅި މައްސަލަތައް ހިމެނެއެވެ.

ކޯވީޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސްދުވަހުގެ ޢިނާޔަތެއް ދޭން ދައުލަތުން ނިންމާފައިވާކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ކުރިން ވިދާޅުވެފައެވެ. އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1ވަނަ ދުވަހުންފެށިގެން ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށެވެ.

ކޯވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުން އިކޮނޮމިކިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރަޖިސްޓްރީކުރުމަށް ސަރުކާރުންވަނީ އިލްތިމާސްކުރައްވާފައެވެ. ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި ޢިނާޔަތް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ޙިއްސާކުރެވޭނެގޮތް ހަމަޖައްސައިދީފައިވަނީ މާރޗް މަހުގެ 21ވަނަ ދުވަހުއެވެ.