ޚަބަރު

ކޯވިޑް-19 : ފަރުކޮޅު ފުއްޓާއި އެޗްއައިއެޗްގެ ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތައް ފުރިހަމަ - އެޗްއާރުސީއެމް


ފަރުކޮޅު ފުއްޓާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން މަރުކަޒުތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމެއް ފުރިހަމައަށް އެބަހުރިކަމަށް ހިއުމަންރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފަރުކޮޅު ފުއްޓާއި އެޗްއައިއެޗްގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގައި އަލުން މީހުން ބޭތިއްބުމުގެކުރިން އެތަންތަނުގެ ޙާލަތުބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުންވަނީ އެ ދެތަނަށް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތަށްފަހު އެކޮމިޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އިތުރަށް ކުރިމަތިވެދާނެ މައްސަލަތަކަށް، އެމަރުކަޒުތައް ތައްޔާރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެމަރުކަޒުތަކުގައި ބައިތިއްބާ މީހުންގެ ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ އާލާތްތަކާއި އެފަދަ މަރުކަޒެއްގައި ފޯރުކޮށްދޭންޖެހޭ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމްތައްވެސް ފުރިހަމަވެފައިވާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވބެފައިވެއެވެ. އަދި މިފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަން އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، އެ މަރުކަޒުތަކުގައި ޚިދުމަތްދިނުމަށް ޙަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު އެފަރާތްތަކުގެ ރައްކާތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެދެވޭ އިންތިޒާމުތައް ހަމަޖައްސާފައިވާކަންވެސް ފާހަގަ ކުރެވުނު ކަމަށް ހިއުމަންރައިޓްސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެކޮމިޝަނުން ވަނީ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު މީހުން ބައިތިއްބާފައިތިބި ތަންތަނަށް ޒިޔާރަތްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް އެތަންތަން އެ ކޮމިޝަނުން މޮނިޓަރކުރަމުންދާނެ ކަމަށެވެ.

ފަރުކޮޅު ފުށީގެ އައިސޮލޭޝަން ފެސިލިޓީއަކީ ކޯވިޑް-19ގެ ޙާލަތާގުޅިގެން ފުރަތަމަ ހެދި އައިސޮލޭޝަން ފެސިލިޓީއެވެ. ފަރުކޮޅު ފުށީގައި އައިސޮލޭޓްކުރަނީ، ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައިރިސްކް ކެޓަގަރީގެ މީހުންނެވެ. މި އިންތިޒާމު މިގޮތައް ހަމަޖެއްސީ މި ފަދަ ފަރާތްތައް ކްރިޓިކަލް ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިއުމުގައި ފަސޭހަކޮށްދިނުމަށެވެ.