ޚަބަރު

ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގައި އުސޫލުތަކަށް ތަބާވުމަށް އިލްތިމާސްކުރައްވައިފި


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ކުއްލި ޙާލަތުގައި ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ޢަމަލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑް-19 ފެތުރިދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކާ، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް ބަދަލު ގެނެސް އެޗްޕީއޭއިން ވަނީ މިމަހުގެ 10 ވަނަ ދުވަހު އައު އުސޫލުތަކެއް އެކުލަވާލާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ މި ގައިޑްލައިންގައި މުޅިއެކު 4 ޙާލަތަކަށް ރިސޯޓުތަކާއި ސަފާރީތައް ގިންތިކޮށް، އެއިން ކޮންމެ ގިންތިއަކަށް ފެތޭ ރިސޯޓު ނުވަތަ ސަފާރީއަކުން ޢަމަލުކުރަންވީގޮތް އެޗްޕީއޭއިން ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ.

އެހެންކަމުން ހުރިހާ ރިސޯޓުތަކާއި ސަފާރީތަކުންވެސް މިގައިޑްލައިންތަކާ އެއްގޮތްވާގޮތުގެމަތިން މީހުން ފޭބުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭގެ އައު އުސޫލުގައިވާގޮތުން ރިސޯޓް ނުވަތަ ސަފާރީއަށް އަންނަ އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ 14 ދުވަސް ފުރިހަމަވުމާއެކު އެ މުއްދަތުގައި އެއްވެސް މީހެއްގެ ކިބައިން ކޯވިޑް-19 ގެ އަލާމާތެއް ނުފެންނަނަމަ ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދެ ދަތުރުކުރެވޭނެއެވެ.

އަދި މީހުން ފޭބުމުގެ ކުރިން އެކަމުގެ އިޤުރާރު ފޯމް ރިސޯޓުން ފުރިހަމަކުރުމަށްފަހު އެޗްޕީއޭއަށް ހުށައަޅަން ޖެހޭނެއެވެ. ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މިހަކު ފެނިފައިނުވާނަމަ އެ ރިސޯޓަކުން މީހުން ބޭފުމުގެ ކުރިން ރިސޯޓުން ފޯމް ހުށައަޅަން ޖެހޭގޮތަށްވެސް އެއުސޫލުގައި ހަމަޖައްސާފައިވެއެވެ.