ޚަބަރު

ކޯވިޑް19 : ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ


ކޯވިޑް19 އަށް ރާއްޖޭގައި ޕޮޒިޓިވްވި ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއީ އިނގިރޭސި ވިލާތުން ރާއްޖެއައި މީހުންގެ ތެރެއިން ޕޮޒިޓިވި ފުރަތަމަ މީހާއެވެ. އޭނާ ރަނގަޅުވުމާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 14 މީހުން މިވަނީ ބަލިން ރަނގަޅުވެފައެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމުގެ ތަފްސީލް ހާމަކުރައްވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއައި ދިވެހިންގެ ތެރެއިން ޕޮޒިޓިވްވި 4 މީހުންގެ ތެރެއިން ފުރަތަމަ މީހާ ރަނގަޅުވީފަހުން ހެދި ޓެސްޓުތަނުން ދެފަހަރަށް ނެގެޓިވްވުމާއެކު އޭނާ ބަލިން ރަނގަޅުވީކަމަށް ޑޮކްޓަރުންގެ ޓީމުން ނިންމާފައިވާކަމަށެވެ.

މިއާއެކު ރާއްޖޭގައި މިއަދު މިބައްޔަށް ޕޮޒިޓިވްވި މީހާ ހިމެނޭހެން ފަރުވާދެމުންދަނީ ޖުމްލަ 4 މީހަކަށެވެ. އަދި 20 މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާދެމުންދަނީ ރާއްޖެއިން ބޭރުގައެވެ. އެއީ ރާއްޖެއިން ފުރައިގެން ދިޔަފަހުން ޕޮޒިޓިވްވިކަން އެނގުނު ދެމީހުންނެވެ. ޑރ. މޫސާ މުރާދު ވަނީ އަދިވެސް ކޯވިޑް-19 ގެ ނުރައްކާ ރާއްޖެއަށް ކުޑަނުވާކަމާއި މިކަން ލުއިކޮށް ނުނެގުމަށް އިލްތިމާސްކުރައްވާފާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ އެންމެފަހުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން މަބްރޫކް ޢަޒީޒް ވިދާޅުވީ، ކޯވިޑް-19 ހުރިތޯ ބެލުމަށް މިހާތަނަށް 2670 ސާމްޕަލްނަގާފައިވާކަމަށެވެ. މީގެތެރެއިން 20 ސާމްޕަލް ޕޮޒިޓިވްވިއިރު 2612 ސާމަޕަލް ވަނީ ނެގެޓިވްވެފައެވެ. މިހާތަނަށް ނަތީޖާ ނުލިބި ޕެންޑިންގައި ހުރީ 38 ސާމްޕަލްކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 14 ދުވަސް ފުރިހަމަކުރި 85 މީހެއްގެ ސާމަޕަލް މިހާރުވަނީ ނަގާފައެވެ. ކޯވިޑް-19އާ ގުޅިގެން ހަދާފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރުތިބީ 11 މީހުންނެވެ. އަދި މިވަގުރު ކަރަންޓީން ފެސިލިޓީތަކުގައި 907 މީހުން އެބަތިއްބެވެ.

ރާއްޖެއިން ބޭރުން އައި ދިވެހިންގެ ތެރެއިން ކަރަންޓީނުގައި ބައިތިއްބާފައިވާ މީހުންގެ ތެރެއިން މިހާތަނަށް އަށް ސަތޭކައަށްވުރެ ގިނަ މީހުން ކަރަންޓީނުން ދޫކޮއްލާފައިވާކަމަށާއި، ރިސޯޓްތަކާއި ސަފާރީތަކުން ނުވަ ހާހަށްވުރެ ގިނަ މީހުން މިހާރު ދޫކޮށްލާފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއްވައެވެ.