ޚަބަރު

އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމަށް އިތުރު ވަގުތަށް އެދިއްޖެ


އިސްރާއީލުގެ އައު ސަރުކާރު އެކުލަވާލުމަށް އިތުރު ވަގުތު ދިނުމަށް އެޤައުމުގެ އިދިކޮޅު ސިޔާސީވެރިޔާ ބެނީ ގެންޓްޒް އެދިވަޑައިގެންފިއެވެ.

މާރޗު މަހު އިސްރާއީލުގައި ބޭއްވި ޢާންމު އިންތިޚާބުގައި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ 120 މެންބަރުން ހިމެނިވަޑައިގަންނަވާ ޤާނޫނުހަދާ މަޖިލީހުގެ ސާފު އަޣްލަބިއްޔަތެއް ހޯއްދެވުމުގައި ނާކާމިޔާބުވެވަޑައިގެންފައެވެ. އަދި މަޖިލީހުގެ 61 މެންބަރުންވަނީ އިދިކޮޅު ބްލޫ އެންޑް ވައިޓް ޕާޓީގެ ވެރިޔާ ގެންޓްޒަށް ސަރުކާރެއް އެކުލަވާލުމުގެ މަސްޢޫލިއްޔަތު ދިނުމަށް ތާޢީދުކޮށް، 28 ދުވަހުގެ ތެރޭގައި ސަރުކާރު އެކުލަވާލުމަށް އޭނާއާ ޙަވާލުކޮށްފައެވެ. ނަމަވެސް އައު ސަރުކާރު އެކުލަވާލަން ދީފައިވާ މުއްދަތު އޭޕްރިލް މަހުގެ 14ވަނަ ދުވަހަށް ހަމަވާތީ ގެންޓްޒްވަނީ އިތުރު 14 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެޤައުމުގެ ރައީސް ރުވެން ރެވްލިންގެ އަރިހުން އެދިވަޑައިގެންފައެވެ.

2009ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބޮޑުވަޒީރުކަން ކުރައްވަނީ ނަތަންޔާހޫއެވެ. އޭނާވަނީ އޭގެ ކުރިން 1996ން 1999އަށްވެސް ބޮޑުވަޒީރުކަން ކުރައްވާފައެވެ. އެންމެ ފަހުން ބޭއްވުނު 3 އިންތިޚާބުގައިވެސް އެއްވެސް ފަރާތަކަށް ސާފު އަޣުލަބިއްޔަތެއް ނުހޯދުނެވެ.

މީގެ ކުރިން ގެންޓްޒްވަނީ ސަރުކާރު އެކުލަވާލުމުގައި ކޮރަޕްޝަންގެ ތުޙުމަތުކުރެވޭ ބޮޑުވަޒީރު ނަތަންޔާހޫ ބައިވެރިނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާވަނީ ސަރުކާރު އެކުލަވާލުމުގައި އެއްބާރުލެއްވުން ދެއްވާ ގުޅިފައިވާ ސަރުކާރުގައި ބައިވެރިވަޑައިގެންނެވުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފައެވެ.

ގެންޓްޒް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ޙާލަތުގައި ނަތަންޔާހޫގެ ބައިވެރިވުމާއެކު ސަރުކާރެއް އެކުލަވާލަން މުހިންމުކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ސިޔާސީ، ޞިއްޙީ އަދި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ނަތަންޔާހޫގެ ލިކުޑް ޕާޓީގެ ބައިވެރިވުން ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ގެންޓްޒް ވިދާޅުވިއެވެ. ގެންޓްޒްގެ ހުށަހެޅުމާގުޅޭގޮތުން ރައީސް ރެވްލިން އަދި ވަކިގޮތެއް އިޢުލާނުކުރައްވާފައެއް ނުވެއެވެ.

.އެނގިފައިވާ ގޮތުގައި ގެންޓްޒާއި ނަތަންޔާހޫޫވަނީ އެއްބަސްވުމަކާ ހަމައަށް ވަޑައިގަތުމާގާތްވެފައެވެ. އެގޮތުން 18 މަސް ދުވަސް ވަންދެން ނަތަންޔާހޫ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާގޮތަށްވަނީ މަޝްވަރާކޮށްފައެވެ. އަދި އެއަށްފަހު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާނީ ގެންޓްޒެވެ.