ޚަބަރު

ކޯވިޑް19: ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމާމެދު ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވައިފި


ކޯވިޑް-19ގެ ސަބަބުން ރާއްޖެ ނާދެވި، ބަންގްލަދޭޝްގައި ތިބިދިވެހިން އަނބުރާ ރާއްޖެ ގެނައުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.

ބަންގްލަދޭޝަކީ ދިވެހިން މަތީތައުލީމު ޙާސިލްކުރުމަށް، ޚާއްސަކޮށް ސިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލްކުރުމަށް ދަތުރުކުރާާ ޤައުމެކެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ބަންދްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ ޢަބްދުލް މޮމެންއާއެކު ފޯނުން ކުރެއްވި މަޝްވަރާގައި ވަނީ ރާއްޖެ ނާދެވި ބަންގްލަދޭޝްގައިތިބި ދިވެހިން ޤައުމަށް ގެނައުމަށްޓަކައި ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވާފައިކަމަށެވެ.

ބަންގްލަދޭޝްގައި ނާދެވިފައިތިބި 41 ދިވެއްސަކު އަނބުރައި ރާއްޖެގެނައުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިވެހި ސަރުކާރުން ކުރައްވަމުންދާކަމަށް ފޮރިން މިނިސްޓަރ ވަނީ ކުރިންވެސް ވިދާޅުވެފައެވެ.

ކޯވިޑް19ގެ މިހާލަތުގައި ސަރައްދީ ޤައުމުތަކުގެ އިތުރުން އެހެނިހެން ޤައުމުތަކުގައި ނާދެވިފައި ތިބި ދިވެހިން ރާއްޖެ ގެނައުމައްޓަކައި ސަރުކާރުންދަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމުގައި އެންމެ ބޮޑު ދައްޗަކަށް ކުރިމަތިވަނީ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއި، އެއްގައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ކޯވިޑް19 ފެތުރިދާނެކަމުގެ ބިރުވެރިަކަން އޮތުމެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު އެހެން ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ގުޅުއްވައި ކުރައްވާ މަޝްވަރާތަކާއި ޤައުމުތަކާއެކު އޮންނަ ބަދަހިގުޅުމުގެތެރެއިން މިހާރުވެސް 3 ޤައުމެއްގައި ނާދެވިތިބި ދިވެހިން ވަމީ ރާއްޖެ ގެނެސްފައެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ، ސްރިލާންކާ އަދި މެލޭޝިޔާ ހިމެނެއެވެ.