ދުނިޔެ

އިއްޔެ ފެނުނީ MH370ގެ ބައިތަކެއްތޯ ބަލަނީ


އިންޑިޔާ ކަނޑުގެ ޖަޒީރާ ގައުމެއްކަމަށްވާ ރިޔުނިޔަން ގެ ކަނޑުގެ އަޑިން އިއްޔެ ފެނުނު މަތިންދާބޯޓެއްގެ ބައިތަކަކީ މިދިޔަ އަހަރު ވީނުވީއެއް ނޭންގި ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންގެ އެމްއެޗް 370 ފްލައިޓްފަދަ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ބައެއްކަން ވަރަށްބޮޑަށް ބެލެވޭކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.ނަންހާމަކުރަންނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ ރިޔުނިޔަން ގެ ކަނޑުގެ އަޑިން ފެނުނު މަތިންދާބޯޓެއްގެ ބައިތަކަކީ އެމެރިކާގައި އުފައްދާ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެއްގެ ފަހަތު ފިޔަގަނޑުގެ ބައެއްކަން އެމެރިކާގެ ކަމާބެހޭ ތަޖްރިބާކާރުން ލަފާކުރައްވާ ކަމަށާ މިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ފަންނީ ތަހްގީގްތައް ކުރަމުން ގެންދާނެކަމަށެވެ.މިދިޔަ އަހަރުގެ މާޗް މަހު ވީނުވީއެއް ނޭންގި ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންގެ އެމްއެޗް 370 ފްލައިޓަކީވެސް ބޮއިންގް 777 މަރުކާގެ މަތިންދާބޯޓެކެވެ. ކުއާލަލަންޕޫރުން ބެއިޖިންގް އަށް ދަތުރުކުރި އެފްލައިޓްގައި ފަސިންޖަރުން ނާއި ފަޅުވެރިންނާއެކު 239 މީހުން ދަތުރުކޮށްފައިވެއެވެ.