ވިޔަފާރި

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު ވަރަށް ބޮޑަށް ދަށަށްދާނެ- ވޯލްޑް ބޭންކް


ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 13 އާއި 8.5 އިންސައްތައާ ދެމެދު އަދަދަކުން ދަށަށްދާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ "އޭޝިއާ އިކޮނޮމިކް ފޯކަސް" ރިޕޯޓުގައި ބުނެފައިވަނީ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކޮވިޑް-19ގެ ސަބަބުން ލިބޭ އިޤްތިސާދީ ލޮޅުމުން އަރައިގަނެވޭނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅައިގެން ކަމަށެވެ
.
ވޯލްޑް ބޭންކުން ނެރެނު ރިޕޯޓުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށް ކޮވިޑް-19ގެ ސަބަބުން އަންނާނެ ލޮޅުންތައް އަންދާޒާކޮށްފައެވެ. މިގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިޤްތިސަދީ ގޮތުން އުފެއްދުންތެރިކަމަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމެއްގެ ގޮތުގައި މިރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖެއެވެ. މިސަރަހައްދުގެ 8 ޤައުމެއް މިރިޕޯޓުގައި ހިމަނާފައިވާއިރު، މީގެތެރޭގައި އަފްޤާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކަށް މިގޮތަށް ނޭދެވޭ އަސަރު ކުރަނީ އިޤްތިސާދުތައް މަޑުޖެހި، ވިޔަފާރިތައް ހުއްޓި، ފައިނޭންޝަލް އަދި ބޭންކިން ސެކްޓަރއަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނެވެ. ސަރަހައްދީގޮތުން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށްވެސް ކޮވިޑް-19އާ ގުޅިގެން އައި ބަދަލުތަކުގެ ސަބަބުން 1.8 އަދި 2.8 އިންސައްތަ ދަށަށް ދާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. މިސަރަހައްދުގެ އުފެއްދުންތެރިކަން 6.3 އިންސައްތައިގައި ހުންނާނެކަމަށް މީގެ މަހެއްހާދުވަސް ކުރިން ވޯލްޑް ބޭންކުން އަންދާޒާ ކުރިއެވެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ދެކުނު އޭޝިއާގެ އިގްތިސާދުތައް މިހާ ދަށަށް ދާނެ ފުރަތަމަ ފަހަރުކަމަށް ވޯލްޑް ބޭންކު ރިޕޯޓުގައިވެއެވެ. މިކަންތަކުން އަރައިގަތުމަށް ދެކުނު އޭޝިއާގެ ޤައުމުތަކުން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވޯލްޑް ބޭންކުން ބުނިއެވެ. ވޯލްޑް ބޭންކުން ނެރެފައިވާ ބަޔާނުގައި ވާގޮތުން ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނާއި އަފްގާނިސްތާނާއި ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ވެސް ކުރީ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށަށް ދާނެއެވެ.