ޚަބަރު

ކޯވިޑް-19 : ހަރުކަށި ފިކުރުގެ ނުރައްކާ އޮވެދާނެކަމަށް ބަލައި އެލާރޓް ލެވެލް މަތިކޮށްފި


ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ ނުރައްކާ ރާއްޖެ އޮވެދާނެކަމަށް ބަލައި ދިވެހި ސިފައިންގެ އެލަރޓް ލެވެލް މައްޗަށް ޖައްސާފައިވާކަމަށް ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ސާފުކުރުމަށް އެދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ ޓޫފޯވަން ކޮމިޓީން ސިފައިންނާއި ފުލުހުންގެ މުއައްސަސާއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ޓޫފޯވަން ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ކޮމިޓީން ސާފުކުރަން ބޭނުންވި ގިނަ މަޢޫލޫމާތު ފުލުހުންނާއި ސިފައިން، އެކޮމިޓީއާއި ޙިއްސާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

މިކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި މެންބަރުން ވަނީ ސަލާމަތީ ޚިދުމަތްތަކުން މިވަގުތު ތިބެންވާނީ ރާއްޖެއަށް ދިމާވެފައިމިވާ ޙާލަތުގައި އެތެރެއިންޏާއި ބޭރުން އަތުވެދާނެ ޙައްދުފަހަނައަޅާފައިވާ ފިކުރުގެ ނުރައްކަލާމެދު ވިސްނައިގެންކަމަށެވެ. މިކަމަށް ފުލުހުންނާއި ސިފައިން ތައްޔާރުވެފައިވަނީ ކިހާވަރަކަށްތޯ ސާފްކުރަންޖެހޭކަން މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ފަރާތުން އެކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވަނީ މިދުވަސްވަރު ރާއްޖޭގައި ވައްކަމާއި މާރާމާރީއައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމާއި ގެވެށި އަނިޔާފަދަ ކަންކަންވެސް އިތުރވެދާނެކަމަށް ބަލައި ޚާއްޞަ އިޖްރާއަތްތަކެއް ފުލުހުން މިވަގުތު ކަނޑައަޅަފައިވާކަން ހާމަކުރައްވާފައެވެ.

"ކޮމިޓިން ބަލަންބޭނުންވީ މިދުވަސްކޮޅަކީ އަދަޔާ ޚިލާފް ދުވަސްކޮޅަކަށްވެފައި ރަށުތެރެއިންވެސް ނުވަތަ ޤައުމުން ބޭރުންވެސް އިންޓާނަލް އޮރ އެކްސްޓަރނަލް ތްރެޓްސް އާދަޔާ ޚިލާފަށް ހުރެދާނެ ދުވަސްކޮޅެއްކަމަށް ވިސްނައިގެންނޭ ތިބެންވާނީ. ޤައުމު ވަލްނަރަބަލްއޭ. އެހެންވީމަ އެއަށް ކިހާވަރަކަށްތޯ ފުލުހުންނާއި ސިފައިންނާ ތައްޔާރުވެތިބީ. އަދި ސަމާލުކަމަށް އައިސްފައިވަނީ. އަޅުގަނޑުމެން މި ޖަވާބުތައް ކިޔާއިރު ހަމަ ގައިމުވެސް އަޅުގަނޑުގެ ކަންބޮޑުވުންތަކަށް ފުލުހުންނާއި ސިފައިންވެސް ޖަވާބުގައި އެޑްރެސްކޮށްފައި އެބައޮތް. އެމްއެންޑީއެފްގެ ޖަވާބުގައ އެބައޮތް އެކްސްޓްރީމިޒަމްގެ ތްރެޓަށްވެސް އިތުރު އެލާރޓްނެސްއެއްގަ ތިބިކަން." ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

ކޮމިޓީގެ ބައެއް މެންބަރުން ވަނީ ސަލާމަތީ ޚިދުމަތްތަކަށް ލަފާ އަރުވާނެ ބައެއް ކަންކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މިދުވަސްވަރަކީ ފުލުހުންގެ ބައެއް މަސައްކަތްތައްވެސް ހުއްޓީފައިވާ ދުވަސްވަރެއްކަމަށްވާތީ މިޙާލަތުގައި މަސައްކަތްކުރާނެ ޚާއްސަ ގޮތެއް ހެދުމަށް އިލްތިމާސްކުރުމަށް މެންބަރުން ތާޢީދުކުރިއެވެ. އަދި ކޮމިޓީގެ މެންބަރުން ވަނީ އަދިވެސް އިތުރަށް މި މައްސަލަ ދިރާސާކުރުމަށްވެސް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ.