ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ހުރިހާ ޝުކުރެއް ފުރާނަ ސަލާމަތްކޮށްދިން ފަރާތްތަކަށް


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވި ޞިއްހީ އެހީތެރިންނަށް އޭނާ ޝޫކުރުއަދާކުރައްވައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޮޑުވަޒީރު ޖޮންސަން ލަންޑަންގެ ސެއިންޓް ތޮމަސް ހޮސްޕިޓަލުގައި އެނދުމަތިކުރެވުނީ ބޮޑުވަޒީރުގެ ރަސްމީ ގޭގައި ކޯވިޑް-19އަށް 10 ދުވަހު ފަރުވާ ހޯއްދެވުމަށްފަހު، ބަލީގެ ޢަލާމާތްތައް ރަނގަޅުނުވެ، ޙާލު ގޯސްވުމުންނެވެ. އަދި ހަސްފަތާލަށް ގެންދިޔަފަހުން ޙާލު އިތުރަށް ގޯސްވެ، އައިސީޔޫއަށްވަނީ ބަދަލުކޮށްފައެވެ. ތިން ދުވަހު ފަރުވާދިނުމަށްފަހު އައިސީޔޫއިން ދޫކޮށްލާފައިވަނީ މިމަހުގެ 9ވަނަ ދުވަހެވެ.

އައިސީޔޫއިން ދޫކޮށްލިފަހުން ފުރަތަމަ ނެެރުއްވި ބަޔާނުގައި ބޮޑުވަޒީރު ޖޮންސަންވަނީ އޭނާއަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވި ހުރިހާ ޞިއްޙީ ޚިދުމަތްތެރިންގެ އަގުވަޒަންކުރައްވާފައެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީތީ ހަސްފަތާލުގެ މުވައްޒަފުންނަށް އުމުރުދުވަހަށް ދަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ ރަސްމީ އޮފީހުން ބުނީ ހުކުރު ދުވަހުން ފެށިގެން ބޮޑުވަޒީރު ޖޮންސަން ތެދުވެ އުޅުއްވާކަމަށެވެ. އަދި އެއީ ބަލިން ފަސޭހަވުމުގެ ފުރަތަމަ މަރުޙަލާކަމަށް އެއޮފީހުން ބުނެއެވެ.