ވިޔަފާރި

ކޯވިޑް-19 : އެޕަލް އަދި ގޫގުލްއިން ކޮންޓެކްޓް ޓްރޭސިން ޓެކްނޮލޮޖީއެއް ތަރައްޤީކުރަނީ


އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނިތައްކަމަށްވާ އެޕަލް އަދި ގޫގުލްއިން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތަށް އެހީތެރިވުމަށް ކޮންޓްރެކްޓް ޓްރޭސިން ޓެކްނޮލޮޖީއެއް ތައްޔާރުކުރުމަށް މަސައްކަތް ފަށައިފިއެވެ.

އެޕަލް އަދި ގޫގަލްއިން ގުޅިގެން ޓެކްނޮލޮޖީއެއް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާއިރު، މިއީ މިގޮތަށް މި ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ 99 އިންސައްތަ ސްމާޓް ފޯން އޮޕަރޭޓްކުރާ އެޕަލް އަދި ގޫގުލްއިން އެކުގައި މަސައްކަތް ކުރަން ނިންމާފައިވަނީ ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރާ ހަނގުރާމައަށް އެހީވުމަށެވެ. އެގޮތުން މިދެ ކުންފުންނިން މަސައްކަތް ކުރަމުންދަނީ ކޮވިޑް ޖެހޭ މީހުންނާއި ދިމާވެފައިވާ ފަރާތްތައް ދެނެގަތުމަށް ހާއްސަ ޓެކްނޮލޮޖީއެއް ތަރައްޤީކުރުމަށެވެ.

އެޕަލްއާއި ގޫގުލްއިން ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދަނީ، ކޯވިޑްއާ ޕޮޒިޓިވްވެފައިވާ މީހަކާ ކައިރިވެފައިވާކަން ފޯނު މެދުވެރިކޮށް ދެނަގަނަވޭނެ ޓެކްނޮލޮޖީއެއް ތަރައްޤީކުރުމަށެވެ. މިޓެކްނޮލޮޖީ މެދުވެރިކޮށް ކޮވިޑް-19 ޖެހިފައިވާ ފަރާތަކާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުން ދެނެގަނެ، ހޯދުމަށް ފަސޭހަ ކޮށްދޭނެއެވެ.

މިޓެކްނޮލޮޖީގެ ޒަރިއްޔާއިން ކޮރޮނާ ވައިރަސް ޖެހިފައިވާ ފަރާތްތަކުން އޭނާގެ ފޯނުގައި ހުންނަ އެޕްލިކޭޝަން މެދުވެރިކޮށް، އޭނާއަކީ ކޯވިޑް-19 ޖެހިފައިވާ މީހެއްކަން އެހެން މީހުންނަށް އަންގާދެވޭނެއެވެ. އަދި މިޓެކްނޮލޮޖީ ބޭނުންކުރާ ފޯނެއް ބޭނުންކުރާ މީހަކު ކޯވިޑް19 ޖެހިފައިވާ މީހަކާއި ކައިރިވެއްޖެއްޔާ އެކަން އެޕްލިކޭޝަން މެދުވެރިކޮށް އަންގަދޭނެއެވެ. މިގޮތުން ރިސްކް ބޮޑު މީހަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތައް އެޕްލިކޭޝަން މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށްވެސް ބެލޭނެއެވެ. އޭރުން އެފަރާތްތަކާއި އެޕްލިކޭޝަން މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކުން މުއާމަލާތް ކުރެވޭނެއެވެ. ނަމަވެސް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޒާތީ އެހެން މައުލޫމާތެއް ނުބެލޭނެއެވެ.

އެޕަލް އަދި ގޫގުލްއިން މިޓެކްނޮލޮޖީ ފުރަތަމަ ނެރެނީ މިހާރުވެސް އެކި ޤައުމުތަކުގެ ސިއްހީ އިދާރާތަކުން ފާސްކޮށްފައިވާ ސިއްހީ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ. އަދި ފަހުން ސީދާ ފޯނުގެ އޮޕަރޭޓިން ސިސްޓަމް މެދުވެރިކޮށް މި ޓެކްނޮލޮޖީ ތައާރަފްކުރުމުގެ ވިސްނުންވެސް މިކުންފުނިތަކުން ގެންގުޅެއެވެ.

ނަމަވެސް މިޓެކްނޮލޮޖީއަކީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމަށް ބާރުއަޅާ ފަރާތްތަކުން އެކަމާ އެހާ ހިންހަމަޖެހޭ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންކަމުން މިޓެކްނޮލޮޖީ ތަރައްޤީކުރަންވަނީ ވަކި ވަކި ޤައުމުތަކުގެ ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެ ޤައުމުތަކުގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތުތައް އާއްމުނުވާނެ ގޮތަކަށްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.