ވިޔަފާރި

ކޯވިޑް-19: މަސް ކިރުމާއި އެހެނިހެން އޮޕަރޭޝަންތައް ނުހުއްޓޭނެ ގޮތްތައް ދަނީ ހޯދަމުން - މިފްކޯ


މިފްކޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންސްތަށް ނުހުއްޓި، މަސްވެރިން ބާނާ މަސް ހުއްޓުމެއް ނެތި ގަންނަމުންދިއުންކަމަށް މިފްކޯއިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖަރ ނަވާޒު ރަޝީދު ވިދާޅުވީ އަމާޒަކީ މަސްވެރިން ބާނާ މަސް ހުއްޓުމެއް ނެތި ކިރޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށާއި ސްޓޯރޭޖް ކެޕޭސިޓީ ހުރި ވަރަކުން މިކަން ކުރަމުން ދާނެކަމަށެވެ.

ނަވާޒު ވިދާޅުވީ މިހާރު ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކީ މަސް ރައްކާކުރުމުގައި ދިމާވާ މައްސަލަތައްކަމަށެވެ.

"ވިސްނުމުގައި މަސް އެކްސްޕޯޓްކުރެވޭނެ ގޮތްތަކެއް ނެތްނަމަ ދިމާވާނެ އެންމެ ބޮޑު ދައްޗަކަށް ވާނީ ސްޓޯރޭޖްގެ މައްސަލަ. ސްޓޯރޭޖްގެ މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެންގެ ވިސްނުންތަކެއް ހުރި ނަމަވެސް ވަރަށް ބޮޑަށް އިޤްތިސާދީ ގޮތުން އަޅުގަނޑުމެންނަށް މީގެ ނޭދެވޭ އަސަރުކުރާނެ މޫވް ނުކުރަހާ ހިނދަކު. މޫވް ކުރާނެ ރަގަނޅު ގޮތެއް ދިރާސާކުރެވި، އެއަށް ހައްލެއް ލިބިގެން ނޫނީ އަޅުގަނޑުމެންނަކަށް މީގެ މަންފާއެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ މި މަސް މޫވް ކުރެވޭނެ ކޮންމެސް އެއްގޮތެއް އެބަޖެހޭ ހޯދަން." ނަވާޒް ވިދާޅުވިއެވެ.

ނަވާޒް ވިދާޅުވީ ކަޅުބިލަ މަސް ގަތުމުގައި ދަތިތަކެއް ދިމާނުވިނަމަވެސް ބޮޑު ކަންނެލި ގަތުމަށް މިވަގުތު ދަތިތަކެެއް ކުރިމަތިވަމުންދާކަމަށާއި އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"މީގަ ބޮޑަށް ދިމާވެފައި އޮތް ދަށްޗަކީ ކަޑުއޮށްގިރީގައި އިން އަޅުގަނޑުމެންގެ ފެސިލިޓީގައި ޕްރޮސެސްކުރެވޭނެ ގޮތްތަކެއް ނެތީ. މީގައި އެބައުޅޭ ކަނޑުއޮށްގިރީގެ ބަނދަރަށް ތަރައްޤީކޮށްގެން ހަޤީޤަތުގައި އަޅުގަނޑުމެންނަށް އޮޕަރޭޝަންތައް އަލުން ފަށައިގެން މަސައްކަތް ކުރިޔަށް ގެންދެވޭނީވެސް. މަސްވެރިންނަށްވެސް އެނގިލައްވާނެ، ފުދޭވަރަކަށް ދުވަސްވެއްޖެކަން ޔެލޯފިންގެ އެކްސްޕޯޓް އޮޕަރޭޝަންސް މެދުކަޑައިލައިގެން އުޅޭތާ. މިކަހަލަ ދަތިތަކެއް ހުރީމަ އަޅުގަނޑުމެންގެ ވިސްނުމަކީ މިއަށް ދުރުރާސްތާގައި ގެނެވޭނެ ހައްލުތަކެއް ގެނައުމަށްފަހު މަސައްކަތްތަށް ފެށުން.." ނަވާޒު ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ މިފްކޯއިން ހުރި މައްސަލަތަކަށް ދެމިހެއްޓެނިވިކޮށް ހައްލުތަށް ހޯދަމުންދާކަމަށެވެ. އަދި މަސް ސްޓޯރޭޖަށް އަދި ޕްރޮސެސްކުރުމާއި ފަދަ އޮޕަރޭޝަނަލް ކަންކަމުގެ އިތުރުން މިދާއިރާގެ އިންސާނީ ވަސީލަތް ނުވަތަ މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ޕީއެސްއެމް ނިއުސްއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި މިފްކޯގެ އިތުރުން، މަސްވެރިކަމާ ގުޅުންހުރި އެހެން ފަރާތްތަކުންވެސް ބައިވެރިވިއެވެ. މި ޕެނަލް ޑިސްކަޝަން ޕީއެސްއެމް ނިއުސްއިން މިރޭ 10:00 ޖަހާއިރު ގެނެސްދޭނެއެވެ.