ޚަބަރު

ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މާދާމާ ފަށާނެ


ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މާދާމާ ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ މާލޭގައި ދަތި ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން އެއަށްވުރެ ރަނގަޅު ފެންވަރުގެ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފާއި އިމްގްރޭޝަނާއި މާލޭ ސިޓީކައުންސިލްއާއި ގުޅިގެން މާދަމާ ފަށާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެތެރޭގައި ދޮޅުހާހާއި ގާތްކުރާ ޢަދަދަކަށް ބިދޭސީން ބަދަލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ފަށާނަން މާލޭގައި ވަރަށް ހާލަތު ގޯސްގޮތްހުރި ތަންތަނުން އެހެނިހެން ދިމަދިމާލަށް ބަދަލުކުރަން. ކުރިޔަށްއޮތް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލަފާކުރެވެނީ ދޮޅުހާހެއްހާ މީހުން މި ދިމާތަކުން އެހެން ދިމަދިމާތަކަށް ގެންދެވޭނެކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުން، ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ހުޅުމާލެއާ ގުޅިފަޅަށް 5000 މީހުން ބަދަލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ އެކި ތަންތަކުގައި އެކަށީގެން ނުވާވަރަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުން މީހުން މަދުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާތަނަށް ސަރުކާރުން ވަނީ އެފަދަ 14 ތަނެއް ފާހަގަކޮށް އެތަންތާ ދިރިއުޅޭ ބިދޭސީން ވަގުތީގޮތުން ހުޅުމާލެއާއި ގުޅީފަޅުގައި ހުރި ބައެއް ޢިމާރާތްތަކަށް ގެންދިއުމަށް ނިންމާފައެވެ.

މިނިސްޓަރ ފައްޔާޟް ވަނީ ބިދޭސީން ތޮއްޖެހޭ މައްސަލައަށް ދާއިމީ ޙައްލެއްގެނައުމަށް މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރާއިރު އެތަނުގެ ވަކި ސަރަހައްދެއްގައި ބިދޭސީ މަސައްކަތުމީހުންނަށް ޚާއްސަ ވިލެޖެއް ހަދާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.