ވިޔަފާރި

ދަނޑު ގޮވާންކުރުމަށް ރާއްޖޭގެ 44 ރަށަކުން ހިލޭ ބިން ދޫކުރަން ސަރުކާރުން ނިންމަވައިފި


ދަނޑު ގޮވާންކުރުމަށްޓަކައި ރާއްޖޭގެ 44 ރަށަކުން، 3 އަހަރުދުވަހަށް ހިލޭ ބިން ދޫކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ނޫސްވެރިންނަށް މަޢުލުމާތުދެއްވަމުން މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކާނާގެ ޔަޤީންކަން ހޯދައިދިނުމަށްޓަކައި ސަރުކާރުން ގިނަ ކަންތައްތައް ރާވަމުންދާކަމަށެވެ.

އެގޮތުން ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ބިން އޮތް ރަށްތަކުން ދަނޑުވެރިކަން ކުރުމަށް 3 އަހަރާއި ހަމައަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީއާއި މި ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރެވިގެން ވަކި ގައިޑްލައިންތަކެއްގެ މަތިން މިކަން ކުރިއަށްގެންދާނެކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިރަށްތަކުގެ ބިމުގެ ނިސްބަތުން %25އާ ހަމައަށް ދަނޑުވެރިކަން ކުރުންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަކަމަކަށް ބިން އޮތް ރަށްރަށުން ދަނޑުވެރިކަން ކުރުމަށް ރަށްތައް 3 އަހަރަށް ދޫކުރުމަށް ސަރުކާރުން ނިންމުން. ކައުންސިލްތަކާއި އެކީގައި މި މަސައްކަތްތައް ކުރާއިރު ޕްލޭނިންގ މިނިސްޓްރިއާއި މިމިނިސްޓްރީން ކަނޑައަޅާ ވަކި ގައިޑްލައިންތަކެއްގެ މަތިން މިކަން ހުށަހެޅޭނެ. މިއީ ހަމައެކަނި ބިންތައް ކަނޑާފަ ދިނުމެއް ނޫން. މީހުން ދިރިއުޅޭ ރަށްތަކުގައި %25އާ ހަމައަށް ދަނޑުވެރިކަން ކުރުމަކީ އަމާޒެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް އިމްޕޯޓުކުރެވޭ ބާވަތްތައް ވީހާވެސް މަދުކުރުން ކަމަށާއި އުއްމީދަކީ ސަރުކާރުން ފަށާ މި މަޝްރޫޢާއެކު ރާއްޖެ އެތެރެކުރާ ކާބޯތެކެތި %50އާ ހަމައަށް ކުޑަކުރުންކަމަށެވެ.

"17 ބާވަތެއް އައިޑެންޓިފައިކޮށް އިމްޕޯޓްކުރާ ބާވަތްތަކުގެ ޢަދަދު ކުޑަކުރުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުމެންގެ އުއްމީދަކީ %50އާ ހަމައަށް އުފެއްދުންތެރިކަން އިތުރުކުރުން. 44 ރަށެއް ފާހަގަކޮށްފައިވާނެ. ޢާންމުގޮތެއްގައި ވެސް ދަނޑުވެރިކަމަށް އިޤްތިސާދެއް އޮންނަ ރަށެއްގެގޮތުގައި . މި 17 އައިޓަމް ރަށްރަށަށް ވަކި ކޯޓާއެއް ދީގެން އުފެއްދުމުގެ މަސައްކަތް ކުރާނެ. އެރަށެއްގެ ކައުންސިލާގުޅިގެން ވަކި ކޯޓާތަކެއް ދީގެން ކަނޑައެޅޭ ޢަދަދުތައް ގަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ދޭނަން." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ އިޤްތިސާދު ހީނަރުވަމުންދާ މިދަނޑިވަޅުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް ކާބޯތަކެތީގެ ޔަޤީންކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި މިސިނާޢަތުން ރާއްޖެއަށް އާމްދަނީ ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.