ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެ ތެރެއިން 205 މީހުން މާލެ ގެނެސްފިއެވެ.
ޓްރިވެންޑްރަމުން އައި ދެވަނަ ފްލައިޓް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.
މި ފްލައިޓުގައި ރާއްޖެ ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓްގައި ޓްރިވެންޑްރަމުން މާލެ އަންނަން ޓިކެޓް ނަގާފައިތިބި މީހުންނާއި އާސަންދައިގެ ދަށުން ފަރުވާ ހޯދަމުންދިޔަ ބައެއް މީހުންކަމަށް މޯލްޑިވިއަން އިން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަނުން ދަނީ ރާޢްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފުރުޞަތު ލިބޭ ވަރަކުން އެޤައުމުތަކަށް ދަތުރު ކުރަމުންނެވެ. އަދި މޯލްޑިވިއަން އިން ވަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު އަލުން ރިވިއުކުރުމަށްފަހު އަގުވެސް ހެޔޮ ކޮށްފައެވެ. އެގޮތުން ޓްރިވެންޑްރަމަށްކުރާ ދަތުރުގެ ޓިކެޓްގެ އަގަކީ މިހާރު 199 ޑޮލަރެވެ. ޓްރިވެންޑްރަމްއަކީ އިންޑިއާއަށްދާ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ އެއްސިޓީއެވެ.
ޓްރިވެންޑްރަމްގެ އިތުރުން އިންޑިއާގެ ކޮޗިންއިން ވެސް 200 އެއްހާ މީހުން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ލަންކާއިން 100 ދިވެހިން ރާއްޖެ ގެނެސްފައިވާއިރު މެލޭޝިއާގައި ނާދެވިފައި ތިބި 197 މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.