ޚަބަރު

ފޮރިންގ ސެކްރެޓްރީ، ކަމަލޭޝް ޝަރްމާ އާއި ބައްދަލުކުރައްވައިފި


ރާއްޖޭގެ ފޮރިންގ ސެކްރެޓްރީ ޑރ.އަލީ ނަސީރު، ކޮމަންވެލްތްގެ ސެކްރެޓްރީ ޖެނެރަލް ކަމަލޭޝް ޝަރްމާ އާއި ބައްދަލުކުރައްވައިފިއެވެ.ލަންޑަންގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިންގ ސެކްރެޓްރީވަނީ، ސިޔާސީގޮތުން ރާއްޖެއަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކުގެ މައުލޫމާތު ދެއްވާފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް އިސްތިއުނާފް ކުރެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ބެހޭގޮތުންވެސް ފޮރިން ސެކްރެޓަރީވަނީ ކަމަލޭޝް ޝަރުމާއަށް މައުލޫމާތު އަރުއްވާފައެވެ.މީގެ އިތުރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ދާދިފަހުން ކުރެވުނު ބަހުސާއި ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ކޮމަންވެލްތްގެ ސެކްރެޓްރީ ޖެނެރަލްގެ ވާހަކަފުޅުގައި ރާއްޖެއަކީ ކޮމަންވެލްތްގައި ހަރަކާތްތެރި ޤައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ތަހްނިޔާ ދަންނަވާ، މިނިވަންދުވަސް ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރަކާތްތައް ފާހަގަކޮށް އެކަމަށް މަރުހަބާވެސް ދަންނަވާފައެވެ.