މާލެއާއި ހުޅުމާލެއާއި ވިލިމާލެ އާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަޑުޖައްސާލައިފާއި އޮތް އޮތުން މިމަހުގެ 18 އަށް އިތުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.
ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްވެއުޅުން މަދުކުރުމަށް، މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ މާޗްމަހުގެ 18 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭގެ ފަހުން އޭޕްރީލް 4 އާއި ހަމައަށް މި މުއްދަތު އިތުރުކޮށްފައި އޮތުމަށްފަހު މިއަދު އެ މިނިސްޓްރީން ވަނީ މި މުއްދަތު މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މިއީ ކޯވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން، ވެސް ވަނީ މީހުން ދިރިއުޅޭ ރަށެއް މޮނިޓަރިންގެގެ ޙާލަތަށް ގެނެސްފިނަމަ، އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދު ނުކުރުމަށް މީގެ ކުރިން ވެސް އަންގަވާފައެވެ. މިއީ އެއްވަގުތެއްގައި ގިނަބަޔަކު އެއްތަނަކަށް ޖަމާވުން ރައްކާތެރި ނޫންކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާތީ ނިންމާފައިވާ ނިންމުމެކެވެ.
މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ކުރިއަށް ނުގެންދިޔަނަމަވެސް، އެއްވެސް މިސްކިތެއް ބަންދުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިސްކިތްތަކުގައި ވަކިވަކިން ނަމާދުކުރިނަމަވެސް މީހާގެ ވަށައިގެން 6 ފޫޓު ދުރުމިން ބަހައްޓައިގެން ނަމާދުކުރުމަށް ވަނީ އިރުޝާދުދީފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މި މުއްދަތުގައި ގިނައިން ގޭގައި ނަމާދު ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދު ހުކުރު ދުވަހުވެސް ހުކުރު ނަމާދުގެ ބަދަލުގައި ގޭގައި މެންދުރު ނަމާދު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.