ޚަބަރު

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ސަމާލުވޭ: ޑަބްލިއުއެޗުއޯ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގައި ސަމާލުވުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިން އިލްތިމާސްކޮށްފިއެވެ.

ސްވިޓްޒަލެންޑުގެ ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔޭސުސް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް އެދޭކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ބަލިމަޑުކަން އަލުން ފެތުރުންފަދަ ނުރައްކާތެރިކަމެއް ދިމާވުމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޮސް ވިދާޅުވީ އިޓަލީވިލާތާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ސްޕެއިންގައި ކޯވިޑް-19 ފެތުރޭ މިންވަރު ކުޑަވެގެން ހިނގައްޖެކަމަށެވެ. ނަމަވެސް އެހެން ޤައުމުތަކުގައި ހަލުއިކަމާއެކު ބަލިމަޑުކަން ފެތުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެފްރިކާގެ އިތުރު 16 ޤައުމެއްގައި ކޯވިޑް-19 ފެތުރިފައިވާކަމަށް ޓެޑްރޮސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 ޖެހިފައިވާކަން ކަށަވަރުވެފައިވާ މީހުންގެ ޢަދަދު ދޮޅު މިލިއަނަށްވުރެ މައްޗަށްގޮސް، ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 100،000އަށްވުރެ މައްޗަށް ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ޑަކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިންނަށް ކޮރޯނާވައިރަސް ޖެހޭމިންވަރު އިތުރުވަމުން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށްވެސް ޑަބްލިއުއެޗުއޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.