ޚަބަރު

ތުޅާދޫގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާ މާލެ ގެނެސްފި


ބ. ތުޅާދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ކުޑަ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިރޭ ހަތްގަޑި ފަނަރަ ހާއިރު ކަމަށާއި، ހަށިގަނޑު ގެނެސްފައިވަނީ އިތުރު ތަހުގީގުތަކަކަށް ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ހުށައެޅިފައިވަނީ މިއަދު ހެނދުނު ކަމަށާއި، މި މައްސަލަ  ހުށައަޅާފައިވަނީ ތުޅާދޫ ސިއްހީ މަރުކަޒުން ކަމަށް ފުލުހުން ބުނެއެވެ. މައްސަލަ ތަހުގީގު ކުރަން ފެށީ ކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން ކަމަށްވެސް ފުލުހުން ބުނެއެވެ. ހަށިގަނޑު މާލެ ގެނެސްފައިވާއިރު، ތަހުގީގުތައް ކުރިއަށްދާގޮތުން ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ޚާއްސަ ޓީމަކުން ތުޅާދޫގައި ހަރަކާތްތެރިވަމުންދާއިރު ބ.އޭދަފުށީގައި ތިބި ޖެންޑަރ މިނިސްޓްރީގެ ޓީމަކާއި، މާލެއިން ދިޔަ ޖެންޑަރ މިނިސްޓްރީގެ ޓީމަކުންވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. މިކަމާއި ގުޅިގެން ތުޅާދޫ ކައުންސިލުގެ މެންބަރު އާމިނަތު ރައޫފާ ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ މިކަމުގައި ކައުންސިލުން މީޑިޔާތަކަށް މައުލޫމާތު ދެމުން ނުދާ ކަމަށެވެ. މިކަމާއި ގުޅިގެން ތުޅާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލެއް ވިދާޅުވީ މަރުވެފައިވާ ކުއްޖާއަށް ވިހެއިތާ 48 ގަޑިއިރު ވެފައިވާ ކަމަށާއި، ކުއްޖާއަކީ ދުވަސްނުފުރާ ވިހާފައިވާ ކުއްޖެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވާ ކުއްޖާގެ މަންމައަކީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. ތުޅާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވީ ކުއްޖާ ވިހާފައިވަނީ ގޭގައި ކަމަށާއި ބަނޑު ބޮޑުވެގެން އެ އަންހެން މީހާ މީގެ ކުރިން ސިއްހީ މަރުކަޒަށް ދައްކާފައިނުވާ ކަމަށެވެ.ގޭތެރޭގައި މަރުވެފައި އޮތް ކުއްޖެއް އޮތްކަން ސިއްހީ މަރުކަޒަށް އަންގާފައިވަނީ ކުއްޖާގެ މާމަ ކަމަށްވެސް ސިއްހީ މަރުކަޒުގެ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ޚާއްސަ ޓީމަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.