ވިޔަފާރި

ކޯވިޑް-19 : ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށަނީ


ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

އެގޮތުން ކޮންމެ ހަފްތާއަކު ތުރުކީގެ ވެރިރަށް އިސްތަންބޫލުން ފުރައިގެން ސްރީލަންކާގައި ޓުރާންސިޓް ކުރުމަށްފަހު ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެ އެއަރލައިނުން ހާމަކުރެއެވެ.

ޓާކިޝް އެއަރލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އެކްސްޕަޑައިޓު މޯލްޑިވްސްއިން ބުނީ މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާވެރިންނަށް މުދާ ގެނައުމުގައި ފަސޭހަވެގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ. އަދި ޔޫރަޕާއި، އެމެރިކާ އާއި މެދުއިރުމަތީގެ ހިސާބުތަކަށް މުދާ އެކްޕޯޓުކުރުމަށާއި އެހިސާބުތަކުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ސާމާނުތައް ގެނައުމަށްވެސް ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 777-300 މަރުކައިގެ މަތިންދާ ބޯޓެވެ. މި ބޯޓުތަކުގައި 42 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެކްސްޕަޑައިޓު މޯލްޑިވްސްއިން ބުނެއެވެ.

ޓާކިޝް އެއަރލައިނަކީ ފުޅާ ދާއިރާއެއްގައި ކާގޯ ފްލައިޓްތައް އޮޕަރޭޓުކުރާ އެއަރލައިނެކެވެ. އެގޮތުން ފަންސާހަށްވުރެ ގިނަ ޤައުމަކަށް މިދުވަސްވަރުވެސް އެއަރލައިނުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޓާކިޝް އެއަލައިނުން ރާއްޖެއަށް ފަސިންޖަރުންނާއިއެކު ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. މާރޗް މަހުގެ 23 އިން ފެށިގެން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލިނަމަވެސް އެޕްރީލް މަހުގެ 16 ފެށިގެން އަލުން ދަތުރުތައް ފަށާނެކަމަށް އެ އެއަރލައިނުން ކުރިން ވަނީ ބުނެފައެވެ.