ޚަބަރު

ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް ނަގާނީ 500 ސާމްޕަލް: އެންއީއޯސީ


އާއްމުންގެ ތެރޭގައި ކޯވިޑް19 އުޅޭތޯ ބެލުމަށް ކުރިއަށްގެންދާ ސާވޭގައި ނަގާނީ 500 މީހުންގެ ސާމްޕަލް ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ކޯވިޑް19 ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެސެންޓަރުގެ ފަރާތުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، އާއްމުންގެ މެދުގައި ބަލި ފެތުރޭތޯ ބަލަން ހަދާ ސާވޭގައި ސާމްޕަލް ނަގަން ނިންމާފައި ވަނީ އާބާދީއަށްބަލައި ނިސްބަތުން އެފަދަ ސާމްޕަލެއް ނަގަންވާ އަދަދަށްކަމަށެވެ.

އެގޮތުން ސާމްޕަލް ނަގާނެ އަދަދަކަށް 400 ކަނޑައެޅުނު ނަމަވެސް މިހާރު ފައިނަލް ކޮށްފައި ވަނީ އެކި ކެޓަގަރީތަކަށް ބަހާލައިގެން ޖުމްލަ 500 ސާމްޕަލް ނެގުމަށްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސާވޭ ފެށުމުގެ ތައްޔާރީތަށް މިހާރުވަމުންދާ ކަމަށާއި، ކުރިއަށްއޮތް ދެތިން ދުވަސްތެރޭގައި ސާމްޕަލް ނަގަން ފެށޭވަރުވާނެ ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމާއި ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ގެނެވެން އޮތީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މުޖުތަމަޢުގެ ތެރޭގައި މިބަލި ނުފެތުރޭކަން ޔަޤީންކުރުމަށްފަހުކަމަށް ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢަމަލުކުރަމުންދާ އުޞޫލުތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތައް މުރާޖަޢާކުރުމާއި ޙާލަތަށް އަންނަމުންދާ ބަދަލުތައް ވަރަށް ގާތުން ބަލަމުންދާއިރު، ޙާލަތު ބަދަލުކޮށް ޢާއްމު ޙާލަތަކަށް، ކަންކަން ގެންނަން ރައްޔިތުންވެސް ބޭނުންވާނެކަން ޤަބޫލުކުރައްވާކަމަށާއި، ނަމަވެސް މިކަމުގައި ފަރުވާކުޑަކުރާނަމަ، ޢާއްމު ޙާލަތަކަށް ކަންކަން ގެނައުމުގައި ވަގުތު ނަގާނެކަމަށް އެންއޯއޯސީން ވަނީ ވިދާޅުވެފައެވެ.

މި ދިރާސާގެ އަލީގައި ހޯދޭ ހޯދުންތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް ނެޝެނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މައުލޫމާތުދެއްވިއެވެ.