ކޯވިޑް-19 އާއި ގުޅިގެން އެމެރިކާގައި ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދަކު %96 އަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހާއި ގުޅިގެން ދަތުރުފަތުރުގެ ދާއިރާއަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ދުނިޔޭގެ ބޮޑެތި އެއަރލައިންތަކުންވެސް ވަނީ ޕަސިންޖަރުން އުފުލުން ހުއްޓާވެސް ލާފައެވެ.
އެމެރިކާގައި އާއްމުގޮތެއްގައި ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 2.3 މިލިއަން މީހުން އެއަރޕޯޓު ޗެކްޕޮއިންޓުތައް ހުރަސް ކުރެއެވެ. އެހެންނަމަވެސް މިފަހުން އެއަދަދުވަނީ 95،000 ދަށްވެފައެވެ.
ވައިގެމަގުން ދަތުރުކުރާ މީހުންގެ އަދަދު ދަށްވުމާއި ގުޅިގެން އެމެރިކާގެ އެއަރލައިންތަކުންވަނީ %71 އަށް ކެޕޭސިޓީދަށް ކޮށްފައެވެ.
އެގޮތުން އެމެރިކާގެ އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ދަތުރެއްގައި މިހާރު މީހުން ތިބެނީ ކޮންމެ ދިހަ ސީޓަކުން އެއް ސީޓުކަމަށާއި، އަދި އިންޓަރނޭޝަނަލް ފްލައިޓުތަކުގައި މީހުން ތިބެނީ ކޮންމެ 5 ސީޓަކުން އެއް ޝީޓުގައި ކަމަށް އެމެރިކާގެ އެއަރލައިންތަކުން ބުނެއެވެ.
ޑިމާންޑު މިހާ ބޮޑަށް ދަށަށް ދިޔުމުން، އުދުހުމުގައި ބޭނުންކުރާ މަތިންދާ ބޯޓުތަކުގެ އަދަދުވެސް އެއަރލައިންތަކުން ވަނީ މަދުކޮށްފައެވެ. މި އަހަރު ފެށުނުއިރު އެމެރިކާގެ އެތެރޭގެ އުދުހުންތަކުގެ އަދަދު އުޅެނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 111،000 ގައެވެ. އެހެން ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ދަތުރުކުރަނީ ގާތްގަނޑަކަށް 31،000 ފްލައިޓެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ޤައުމުތަކުން ދަނީ އެޤައުމުތަކަށް ބޭރު ޤައުމުތަކުން މީހުން އައުން މަނާކުރަމުންނެވެ. މިއާ އެކު ދަތުރުކުރާ މީހުންގެ އަދަދު މަދުވެ، އެއަރލައިންތަކުން ދަނީ ދަތުރުތައް މަދުކުރަމުންނެވެ. މާލީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާއިރު، އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓު އެސޯސިއޭޝަނުން ވަނީ މި ކުއަރޓަރުގައި ދުނިޔޭގެ އެއަރލައިންތަކަށް ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ލަފާކޮށްފައެވެ.