ޚަބަރު

ކޯވިޑް19: މެލޭޝިޔާގައި ޕޮޒިޓިވްވި ދިވެހި މީހާ އެބަލިން ރަނގަޅުވެޖެ


މެލޭޝިޔާގައި ކޯވިޑް19 އަސް ޕޮޒިޓިވްވި ދިވެހި މީހާ އެބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް19 ގެ ރާއްޖޭގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، މެލޭޝިއާގައި ދިވެއްސަކު ޕޮޒިޓިވްވިކަން ފޮރިން މިނިސްޓްރީ އާއި އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންގެ ތެރެއިން ހޯދި މައުލޫމާތުން ދެނެގަނެވިފައިވާކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އޭނާ ޕޮޒިޓިވްވި ސީދާ ތާރީޚް އެނގިފައިނުވިނަމަވެސް މިހާރު ބަލިން ރަނގަޅުވެ ހޮސްޕިޓަލުންވެސް ދޫކޮށްލާފައި ވާކަމަށެވެ.

ނަޒްލާ ވިދާޅުވީ މެލޭޝިޔާއިން ޕޮޒިޓިވްވި އެމީހާ އާއި ގުޅިގެން އޭނާ އާއި ކޮންޓެކްޓެއްވީ މީހަކު އެޤައުމުން ދާދިފަހުން ރާއްޖެ ގެނައި މީހުންގެތެރޭގައި ހުރިތޯ ދެނެގަތުމުގެ މަސައްކަތްވެސް މިހާރުކުރަމުންދާކަމަށެވެ.

މެލޭޝިއާގައި ހުރި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވިކަން ކަށަވަރުވީ އެ ޤައުމުގެ ހެލްތް މިނިސްޓްރީން މިމަހުގެ 9 ވަނަ ދުވަހު އާއްމުކޮށްފައިވާ ރިޕޯޓެއްގައި އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެހެން ޤައުމުތަކުގެ މީހުންގެ މައުލޫމާތު ހާމަކުރުމުންނެވެ.

އެގޮތުން އެ ރިޕޯޓުގައި މަޢުލޫމާތު އާންމުކޮށްފައިވާ 416 މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނޭކަން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންވެސް ކަށަވަރުކޮށްދިނެވެ.

ރާއްޖޭން މިހާތަނަށް މި ބައްޔަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައިވެސް 4 ދިވެއްސަކު ހިމެނެއެވެ. އެ 4 ހަތަރު ދިވެހިންވެސް މި ބައްޔަށް ޕޮޒިޓިވްކަން އެނގިފައި ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރުމަށްފަހު ރާއްޖެއައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިއްބައެވެ.

ކޯވިޑް-19ގެ ހާލަތާ ގުޅިގެން މެލޭޝިއާގައި ރާއްޖެ ނާދެވި ތިބި މީހުންގެ ތެރެއިން 197 މީހަކު މޯލްޑިވިއަންގެ ޚާއްސަ ފްލައިޓެއްގައި މިމަހުގެ 8 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. މި އެންމެންވެސް ތިބީ މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައެވެ.