ޚަބަރު

ކޯވިޑް-19- ފުރަތަމަ ކޭސް ފެނުނުތާ 100 ދުވަސް


ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ނިއުމޯނިއާ ކޭސްތަކެއްގެ ގޮތުގައި ފާހަގަވި ކޯވިޑް-19 ފެތުރެން ފެށިތާ 100 ދުވަސް ހަމަވިއިރު މިވައިރަހުގެ ސަބަބުން މިއަދު މުޅި އިންސާނިއްޔަތަށް ވަނީ، ބޮޑެތިގެއްލުންތަކާއި ކުރިމަތިވެފައއެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ދޮޅުމިލިއަނަށް ވުރެ މަތިވިއިރު، މަރުވި މީހުންގެ އަދަަދު ވަނީ ލައްކައަކާއި ގާތްކޮށްފައެވެ.

ވައިރަސް ފެތުރެން ފެށިތާ 100 ދުވަސް ހަމަވީއިރު ވައިރަހުން ސަލާމަތްވުމަށް ޤައުމުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީން ނިއުމޯނިއާގެ މަދު ކޭސްތަކެއް ފެނިގެން ރިޕޯޓުކުރުމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ސަޕޯޓް ޓީމެއް ފޮނުވާފައެވެ. މިއީ އާދައިގެ ކަމެއް ނޫންކަމަށް ނިންމައި ޑަބްލިއުއެޗްއޯއިން ވަނީ ޖެނުއަރީ 5 ވަނަ ދުވަހު މިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ވައިރަހުގެ ސައިންޓިފިކް މައުލޫމާތާއި މީގެ ޓެކްނިކަލް މަޢުލޫމާތު ޢާއްމު ސިއްޙަތު ރައްކާތެރިކުރުމަށް މީޑިއާގެ ޒަރީއްޔާ މެދުވެރިކޮށް ޢާއްމުކުރުމުގެ މަސައްކަތްވެސް ޑަބުލިޔުއެޗްއޯއިން ފެށިއެވެ.

މިވީ 100 ދުވަހުގެ ތެރޭގައި ޑަބްލިއުއެޗްއޯއިންވަނީ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރެވޭނެ 2 މިލިއަނަށްވުރެ ގިނަ ވަޞީލަތްތައް ދުނިޔޭގެ 75 ޤައުމަކަށް ފޮނުވާފައެވެ. އަދި ވައިރަސް ހުރިތޯ ދެނެގަތުމަށް ބޭނުންވާ 1.5 މިލިއަން ޓެސްޓު ކިޓުތައް ސަތޭކަ ސައްބީސް ޤައުމަކަށް ވަނީ ފޮނުވާފައެވެ. އަދި 1.2 މިލިއަން ހެލްތު ވޯކަރުންނަށް ބޭނުންވާނެ އެކި މަޢުލޫމާތު ހިމެނޭ އޮންލައިން 6 ކޯހެއް 43 ބަހުން ފަށާ އެކި ޤައުމުތަކުގެ ހެލްތު ވޯކަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ވަނީކޮށްފައެވެ. ވައިރަސް އެންމެ ފުރަތަމ ފެނުނުތާ 100 ދުވަސް ވީއިރު 1.6 މިލިއަނަށްވުރެ ގިނަ މީހުނަށްވަނީ ވައިރަސްޖެހިފައެވެ. އަދި ކޯވިޑް ނަވާރައިގެ ސަބަބުން ނުވަދިހަ ހަތްހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ބަލިން ރަނގަޅުވެފަިއ ވަނީ ތިން ލައްކައެއްހާ މީހުންނެވެ.

ކޯވިޑް-19 ފެތުރެންފެށިތާ 100 ދުވަސް ފުރުމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ޢާއްމުކުރި ވީޑިއޯ

އަދިވެސް މި ބަލިމަޑުކަމުން އަރަިގަނެވޭނެކަމާއިމެދު ޑަބްލިއުއެޗްއޯއިން އުއްމީދު ކަނޑައެއްނުލައެވެ. އަދި މިޖީލުގައި ދިމާވި ކޯވިޑް ނަވާރައިގެ މިއަދިރިކަމުން އިންސާނިއްޔަތު ސަލާމަތްކުރެވޭކަމުގެ އުއްމީދުވެސް އެޖަމިއްޔާއިން ދޫކޮށެއް ނުލައެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު ކޮންމެ ޖީލެއްގައިވެސް ދުނިޔެ ވަނީ މިފަދަ ބޮޑެތި ކާރިސާތަކާއި ކުރިމަތިލާފައެވެ. އެހުރިހާކަމަކުން އަރައިގަތުމަށް އެޒަމާނެއްގައި ތިބި ބަޔަކު އެތައް ޤުރުބާނެއް ވަނީ ވެފައެވެ. ޑަބްލިއުއެޗްއޯއިން ޢާއްމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ މިޖީލުގައި ދިމާވި ބަލިމަޑުކަމުން އަރައިގަތުމަށް ގޭގައި އެކެހަރިވެގެން ތިބެ ކުރާ ހުރިހާކަމަކީ ބަޠަލުންގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކޮރޯނާ ވައިރަހުގެ އެކި ސްޓްރެއިންތައް ކުރިން ފެނިފައިވީނަމަވެސް ކޯވިޑް-19 ޖައްސާ ވައިރަސް ކޮންމެވެސް ވަރަކަށް ކުރީގެ ވައިރަސްތަކާއި ތަފާތުވުމުން މީގެ މަޢުލޫމާތު ހާމަކުރުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވިއެވެ. އެހެންނަމަވެސް ވައިރަހުން ސަލާމަތްވުމަށް ޑަބުލިޔުއެޗްއޯއިން އައީ ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކޯވިޑް ނަވާރައިގެ ޓެކްނިކަލް ގައިޑްލައިނެއް ޢާއްމުކޮށް ޤައުމުތަކުން ވައިރަސް ދެނެގަންނާނެ ގޮތާއި ޓެސްޓް ކުރާނެ ގޮތާއި ޕޮޒިޓިވްވާ މީހުން އެކަހެރިކޮށް ފަރުވާކުރުމުގައި ބޭނުންކުރާނެ އުސޫލުތައް އޭރުގެ ހޯދުންތަކުގެ އަލީގައި ވަނީ ޢާއްމުކޮށްފައެވެ.

ދުނިޔޭގެ އެހެން ޤައުމަކުން އެންމެ ފުރަތަމަ ކޯވިޑް ނަވާރައިގެ ކޭސް އެއް ރިޕޯޓުކުރީ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. އެއީ ތައިލެންޑުންނެވެ. ވައިރަހާއި ގުޅިގެން ހޯދެމުންދިޔަ އައު ހޯދުންތަކާއި ވައިރަހުގެ އަސަރުކުރަމުންދިޔަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައެވެ. އޭގެ ފަހުން ވައިރަހުގެ ނުރައްކާ އިތުރަށް ބޮޑުވުމާއި ގުޅިގެން މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކެއްގެ ގޮތުގައި މާޗުމަހުގެ 11 ވަނަ ދުވަހު ކަނޑައެޅިއެވެ.

ހަމަމިއާއެކު ސިއްޙީގޮތުން ވަޞީލަތް މަދު ޤައުމުތަށް ފޯރުކޮށްދިނުމަށް ވައިރަހާ ދެކޮޅަށް މަސައްކަތްކުރާނެ ފައިސާ ބައިނަލްއަޤުވާމީ އެހީދޭ ފަރާތްތަކާއި ގުޅިގެން ޑަބްލިއުއެޗްއޯއިން އައީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ވައިރަހުގެ ހަގީގަތް ހޯދުމަށް ބޭނުންވާ ދިރާސާތައް ކުރުމަށްވެސް ގިނަ އެހީތައް އައީ ފޯރުކޮށްދެމުންނެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި ޗައިނާ ވައިރަހުން ސަލާމަތްވި އިރު ޔޫރަޕުގެ ޤައުމުތަކުގެތެރެއިން އިޓަލީ އޮތީ ބިރުވެރި ޙާލަތަކަށް ގޮސްފައެވެ. އަދި ކޮންމެ ދުވަހެއްގައިވެސް ލިބޭ އިތުރު މަޢުލޫމާތާއެކު ޑަބްލިއުއެޗްއޯއިން ގެންދިޔައީ ވައިރަހާއި ގުޅޭ މައުލޫމާތު ދުނިޔޭގެ އެކި ޤައުމުތަކާއި ހިއްސާކޮށް މީހުން ހޭލުންތެރިކުރުވުމަށް ސަރުކާރުތަކަށް އެހީތެރިވަމުންނެވެ. އަދި މިދަނޑިވަޅުގައި އިޖުތިމާޢީ ގައިދުރުކަމާއި ޢާއްމު ސާފުތާހިރުކަމަށް ބާރު އެޅުމުގެ ގޮތުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއިން ފެށިގެން ޑޮކްޓަރުނާއި ނަރުހުންނާއި ސިއްޙީ މާހިރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

އަދި މިބަލިމަޑުކަމުން ސަލާމަތްވުމަށް ޤައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޑަބުލިޔުއެޗްއޯއިން ވަނީ ގޮވާލާފައެވެ.