ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ އެއްވެސް ރަށެއް ފެނަށް ނުޖެހޭނެކަން ސަރުކާރުން ކަށަވަރުކުރާނެ


ކޯވިޑް19ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ސާފު ބޯފެން ލިބޭނެކަން ސަރުކާރުން ޔަޤީންކުރައްވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެެއްޖެއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ މިކަން ހާމަކުރެއްވީ "ސެނިޓޭޝަން އެންޑް ވޯޓަރ ފޯރ އޯލް" އިން އިންތިޒާމްކޮށްގެން އޮންލައިންކޮށް ބޭއްވި މިނިސްޓީރިއަލް ވެބިނާގައި ރާއްޖޭގެ ފެނުގެ ހާލަތާއި ގުޅޭގޮތުން ދެއްވި ބަޔާނުގައެވެ.

ކޯވިޑް19އާ ގުޅިގެން ސިޔާސީ ގޮތުންނާއި މާލީގޮތުން ފެނުގެ ބޭނުންތަކަށް އިސްކަންދިނުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ޔުނިސެފާއި ޑަބްލިއު.އެޗްއޯގެ އެއްބާރުލުމާއެކު ކުރިއަށްގެންދިޔަ ވެބިނާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ވަކި ވަކި ރަށްތަކަކަށް ރާއްޖެ ބެހިފައި އޮތުމުން ހޫނު މޫސުމުގައި ފެނަށްޖެހުމުގެ މައްސަލަ ރާއްޖޭގެ ބައެއް ރަށްތަކަށް ކުރިމަތިވާކަމަށެވެ. އަދި ރަށްތައް ފެނަށްޖެހުނަ ނުދިނުމަށްޓަކައި ސަރުކާރުން މިއަހަރުގެ ތެރޭގައިވެސް ފެން ފޯރުކޮށްދީފައިވާކަމަށާއި، ކޯވިޑް19 ގެ މިހާލަތުގައި އެކަމަށް ޚާއްސަ އިސްކަމެއް ދީގެން އެމަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ދޮވުމުގެ ވާހަކަ ދައްކާލާނަމަ، އަޅުގަޑުމެން މިދަނީ އާންމު ސާފުތާހިރުކަމަށް ޚާއްސަ އިސްކަންދިނުމަށް ބާރުއަޅަމުން. އަދި ހުރިހާ އެންމެނަށް ފެން ފޯރުކޮށްދީ ސާފްތާހިރުވުމަށް ބޭނުންވާ ސާމާނު ލިބެންއެބަހުރި. މި ދަނޑިވަޅުގައި ރައްޔިތުންނަށް ފެނާއި، ފެނުންކުރާ ބޭނުންތައް ފުއްދޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންދެން" މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް19ގެ ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ، ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ޚަރަދުކުރާ ފައިސާގެ ގެތެރެއިން ފެނާއި ނަރުދަމާގެ ދާއިރާއަށް 300 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އަދި ގޭބިސީތަކުގެ ފެން ބިލުން 30 އިންސައްތަ އުނިކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ކޯވިޑް19 ގެ މި ޙައްސާސް ދަނޑިވަޅުގައިވެސް މިހާތަނަށް ރާއްޖޭގެ އެއްވެސް ބަޔަކު ފެނަށްޖެހުން ފަދަ އެއްވެސް ކަމެއް ކުރިމަތިވެފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ރައްކާތެރި ބޯފެން ކަށަވަރުކުރުމާއި މުޅި އާބާދީއަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ މައިގަނޑު ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް "ސެނިޓޭޝަން އެންޑް ވޯޓަރ ފޯރ އޯލް" އިން އިންތިޒާމްކޮށްގެން އޮންލައިންކޮށް ބޭއްވި މިނިސްޓްރީއަލް ވެބިނާގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި އދގެ ކަމާބެހޭ އިސް ފަރާތްތަކުން ވާހަކަފުޅުދެއްކެވިއެވެ.