ވިޔަފާރި

ޑިމާންޑާއި އަގު ދަށަށް ދާތީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމައިފި


ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ރަޝިޔާ އަދި ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެއްޖެއެވެ.

ރަޝިޔާއާއި ސަޢޫދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ނިންމާފައިވާއިރު، ކޮރޯނާވައިރަސްގެ ސަބަބުން ތެލަށް އޮތް ޑިމާންޑު ދަށްވެ، ތެޔޮ އުފައްދާ މިންވަރު މަދުކުރުމާ ގުޅޭގޮތުން ސައުދީއާއި ރަޝިއާއާއި ދެމެދު އެތައް ފަހަރެއްގެ މަތިން ބޭއްވި މަޝްވަރާތައް މީގެކުރިން ވަނީ ނާކާމިޔާބުވެފައެވެ.

ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް އެންމެފަހުން ނިންމީ ދުނިޔޭގެ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތައް ހިމެނޭ އޮޕެކްގެ މެންބަރު ޤައުމުތަކާއި، މެންބަރު ނޫން ޤައުމުތަކުން މިދިޔަ ބުރާސްފަތި ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. މިމަޝްވަރާތައް ފަށާފައިވަނީ އޮޕެކްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ސަންއުސީ ބަރްކިންދޯގެ ބަޔާނަކާއެކުއެވެ.

މިބަޔާނުގައި ބަރްކިންދޯ ވިދާޅުވީ ތެލުގެ ޑިމާންޑު ދަށްވެފައިވާތީ އުފެއްދުންތެރިކަން ދަށްކުރަންޖެހޭ މިންވަރު ވަރަށް ބޮޑުތަން ދަށްކޮށްގެން ނޫނީ އަގު ނުހިފެހެއްޓޭނެކަމަށެވެ. އަދި އެންމެ ފަހުގެ އަންދާޒާތައް ދައްކާގޮތުން ބާޒާރަށް ނެރޭ ތެލުން ކޮންމެ ދުވަހަކު 12 މިލިއަން ފީފާ މަދުކޮށްގެން ނޫނީ ލިބޭ ގެއްލުންތައް ކުޑަ ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ހާސިލު ނުވެއްޖެނަމަ މިއަހަރުގެ ދެވަނަ ކުއަޓާގައި ކޮންމެ ދުވަހަކު 14.7 މިލިއަން ފީފާ ތެޔޮ ބޭކާރު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތެޔޮ އުފައްދާ ޤައުމުތަކުގެ މެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 10 މިލިއަން ފީފާ މަދުކުރުމަށެވެ. މިނިންމުމުގެ ދަށުން މޭމަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ތެރެއިން 10 މިލިއަން ފީފާ މަދުކުރާނެއެވެ.

މިއީ ދުނިޔޭގައި ތެޔޮ އުފައްދާ ޤައުމުތަކުން ތާރީހުގައިވެސް ތެޔޮ އުފައްދާ މިންވަރު މިހާ ދަށްކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުން އަދި ޖުލައި މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ދުވާލަކު އުފައްދާ ތެލުގެ ތެރެއިން 8 މިލިއަން ފީފާ މަދުކުރާނެއެވެ. އެއަށްފަހު 2021 ވަނަ އަހަރުގެ ޖެނުއަރީން އޭޕްރިލްއަށް ކޮންމެ ދުވަހަކު އުފައްދާ ތެލުގެ ޖުމްލައިން 6 މިލިއަން ފީފާ މަދުކުރަންވެސް ވަނީ އެއްބަސްވެފައިވެއެވެ. ނަމަވެސް މީއީ ކޮރޯނާވައިރަސްއާއި ގުޅިގެން ތެލުގެ ޑިމާންޑު ދަށްވި މިންވަރާ އަޅާބަލާއިރު މަދު އަދަދެއްކަމަށް ހަބަރުތައް ބުނެއެވެ. އަދި ތެލަށް ހަމަ އަގެއް ލިބުމުގައި މިކަމުން ހާސިލްވާނެކަމެއް ނޯންނާނެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ތެލަށް އޮތް ޑިމާންޑު ކޮރޯނާ ވައިރަސްއާއި ގުޅިގެން ދުވާލެއްގެ މައްޗަށްވަނީ ވަނީ 18 މިލިއަނާއި 20 މިލިއަން ފީފާ ދޭތެރޭގެ އަދަދަކަށް ދަށްވެފައެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ތެލުގެ އަގު ދަށަށް ދާ މައިގަނޑު ސަބަބަކީ، ތެޔޮ އެންމެ ގިނައިން ބޭނުންވާ ދަތުރުފަތުރުކުރުމުގެ ސިނާޢަތް ހުއްޓުމަކަށް އައުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުކުރުން ހުއްޓި، ޤައުމުތައް ބަންދުކޮށްފައިވާއިރު، ކާރުހަނާތައް ބަންދުކުރުމަކީވެސް ތެލަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބެކެވެ.