ޚަބަރު

ކޯވިޑް-19 : އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުންނަށްވެސް ފިލާވަޅުތައް ލިބޭނެ - މިނިސްޓަރ


އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުންނަށްވެސް އެ ފިލާވަޅުތައް ލިބޭނެ ގޮތް ހަދާދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތާއި ޓީވީ ނުލިބޭ ކުދިން ފިޒިކަލް ޑިސްޓެންސިން ޕްރެކްޓިސްކުރާ ގޮތަށް ސްކޫލްތަކަށް ހާޒިރުވެ ސްކޫލްގެ ޑިވައިސްތަކުން އިންޓަނެޓް އެކްސެސްވެ ކިޔެވޭނެ ގޮތް ހަދާދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރުވެސް ބައެއް ސްކޫލްތަކުގައި މިގޮތަށް އަމަލު ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ހާލަތެއްގައި ގެއިން ނުނިކުމެވޭނަމަ ޕޭޕަރު މެދުވެރިކޮށް އެ ފިލާވަޅު އެކުއްޖާއަށް ލިބޭނެގޮތް ހަމަޖައްސާކަމަށާއި ބެލެނިވެރިޔާގެ ފޯނަށް ގުޅައިގެންވެސް ދަރިވަރުންނަށް ފިލާވަލުތައް ފޯރުކޮށްދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިދުވަސްވަރު އިތުރު ޓެބްލެޓްތަކާ ޓީވީވެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ފައިސާވެސް ހޯދާފައިވާކަމަށެވެ.

"ބައެއް ވަލްނަރަބަލް ކުދިންގެ ހާލަތުވެސް ކައުންސިލަރުންނާ ޓީޗަރުން ކޮންމެ ދުވަހަކު އެއްފަހަރު ބަލަމުންދަން. އަދި އެ ކުދިންނަށް ދަތިވާކަންތައްތައް ސްކޫލް މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން މިދަނީ."މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ސްކޫލްތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ދަރިވަރުންގެ ފިލާވަޅުތައް ނުގެއްލޭނެފަދައިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީވީ އާއި އިންޓަނެޓް މެދުވެރިކޮށް ކިޔަވައިދޭން ފަށާފައެވެ. އެންމެ ފުރަތަމަ މިގޮތަށް ކިޔަވަދޭން ފަށާފައިވަނީ ގްރޭޑް 10 އަދި 11 އިގެ ދަރިވަރުންނަށެވެ. ނަމަވެސް މިހާރު މިވަނީ ހުރިހާ ދަރިވަރުންނަށްވެސް މިގޮތަށް ކިޔަވައިދިނުމަށް ނިންމާފައެވެ.