ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ތެރޭގައި 10 ސިސްޓަމް ޕީޖީ އޮފީހުގައި ބެހެއްޓުމަށް ހަމަޖެހިފައިވާކަމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ކޯވިޑް 19 އާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މަސައްކަތް ކުރުމަށް ގިނަ ވުޒާރާތަކުން ދަނީ މަސައްކަތް ކުރަމުން. ރާއްޖޭގެ ޝަރުއީ ދާއިރާއިންވެސްދަނީ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ ކޯވިޑް 19 ގެ މިހާލަތުގައިވެސް އުޅެން ދަސްކުރަންޖެހޭކަމަށެވެ. ރާއްޖޭގެ އެންމެ މަތީކޯޓް ސްޕްރީމް ކޯޓުން ޝަރީއައްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާނިންމުމަކީ ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވަ ފިޔަވަޅުތަކާއިއެކު ގިނަ ވުޒާރާތަކުންދަނީ އޯޑިޔޯ އަދި ވީޑިއޯ ކޮންފަރންސް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއުމާބެހޭ ޚާއްސަ ޤަވާޢިދެއް މިމަހުގެ 8 ވަނަ ދުވަހު އެކުލަވާލައި އެޤަވާޢިދަށް ޢަމަކުރުމަށް ސްޕްރީމް ކޯޓުންވެސް ވަނީ ނިންމަވާފައެވެ.
ޖޭއެސްސީންވެސް ވަނީ ކޯޓްތަކުގެ މަސައްކަތްތައް މިހާލަތުގައި ކުރެވޭނެ ގޮތްތަކެއް އެކުލަވާލާފައެވެ. އެގޮތުން ޝަރީއަތައްތައް ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ވަސީލަތްތައް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ހަމަޖައްސައި ޝަރީއަތްތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތަކެއް ޖޭއެސްސީިން ވަނީ އެކުލަވާލާފައެވެ.