ޚަބަރު

ކޯވިޑް-19 : ދުނިޔޭގެ އެންމެ މަތީފެންވަރުގެ އާއްމު ކަރަންޓީން ފެސިލިޓީތައް ރާއްޖޭގައި


ދިވެހި ރާއްޖެއަކީ ފަތުވެރިންގެ މެދުގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ މަންޒިލެވެ. ގިނަބަޔަކު ރާއްޖެ ސިފަކުރަނީ ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައެވެ. ކުދި ޖަޒީރާތަކުގެ މައްޗަށް އެކުލެވޭ ރާއްޖޭގެ ރީތިކަމާއި، ދޮންވެލީގެ ހުދުމަކަމާއި، ކަނޑުތަކުގެ ހިއްގައިމު މަންޒަރު ދެކިލަން އެތައް ހާސްބަޔަކު ރާއްޖެ ޒިޔާރަތްކުރެއެވެ.

ރާއްޖޭގެ ރީތިކަމާއިއެއްވަރަށް ރާއްޖެއިން ފަތުރުވެރިންނަށް ލިބެމުންދާ ޚިދުމަތަކީވެސް އެއްފަހަރު އަންނަ ފަތުރުވެރިޔާ އެތައް ފަހަރަކު ރާއްޖެ އަންނަން ޝައިޤުވެރިކަން އުފެދޭ އެންމެ ބޮޑު ސަބަބެވެ. ކޯވިޑް 19 އާއިއެކީ މިއަދު ރާއްޖެއަށްވެސް މުޅި ދުނިޔެއަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައްހާސް ބަޔަކަށް ބަލިޖެހި ބަލީގައި މަރުވަމުންދާއިރު ބަލިޖެހޭ މީހުންނަށާއި، ބަލީގެ އެކި ހާލަތްތަކުގައި ފަރުވާބޭނުންވާ އެތައްބަޔަކަށް ފަރުވާދޭނެ ތަނެއްނެތި ވަސީލަތްތަކެއް ނެތި ދުނިޔެއާއި ވަކިވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

މިހިތްދަތި މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާއިރު، މި ކުޑަކުޑަ ރާއްޖެއިން މިކަމުން އަރައިގަތުމަށާއި، ބަލީގައި ފަރުވާދިނުމަށް ބޭނުންކުރަމުންދަނީ ދުނިޔޭގެ އެތައްބައެއްގެ މަޤުބޫލުކަމާއި ތައުރީފް ހޯދާފައިވާ ރިސޯޓްތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ހަފްލާތަކުގައި އެވޯޑްތަކާއި، ވަނަތައް ހާސިލްކޮށްފައިވާ ރިސޯޓްތައް މިިއަދު މިވަނީ ކޯވިޑަށް ޚާއްސަ ކުރެވިފައެވެ.

ކަރަންޓީން ކުރެވޭ މީހުންނާއި، އައިސޮލޭޓް ކުރެވޭ މީހުންނަށް ޚިދުމަތް ދިނުމަތްދިނުމަށް ޚާއްސަކުރެވިފަމި ވަނީ މަތީފެންވަރުގެ ލަގްޒަރީ ރިސޯޓްތަކެވެ. މިހާރުވެސް އެކި ރިސޯޓްތަކުގައި 1،000 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީންކޮށްފައެވެ. ކަރަންޓީންގައި ތިބޭ މީހުން އެތައްތަން ސިފަކުރަނީ ވަރަށްވެސް ފުރިހަމަ އަދި އެހާމެ ހިތްގައިމު ތަންތަނުގެ ގޮތުގައެވެ. ކޮޓަރީގެ ހިތްގައިމުކަމާއި، ކާންލިބޭ ތަކެތީގެ ފެންވަރާއި، ލިބޭ ޙިދުމަތަކީ މިއަދު ދުނިޔޭގެ އެއެއްވެސް ޤައުމެއްގައި ކަރަންޓީންގައި ތިބި މީހުންނަށް ލިބިފައި ނުވާފަދަ މަތީ ފެންވަރުގެ ޚިދުމަތްތަކެވެ.

ކަރަންޓީޏް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންގެންދާ ރިޒޯޓެއް --

މިބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެންމެބޮޑު ފަސޭހައެއް މިއަދު ލިބިގެން މިދަނީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެދާއިރާގެ ވެރިންނާއި، ރިސޯޓްތަކުގެ އޯނަރުންގެ ފަރާތުންނެވެ. ބަލިން އަރައިގަތުމަށް ސަރުކާރުން ކޮންމެ ދުވަހަކު އެތައް ހޭދައެއް ކުރަމުންދާއިރު، މިކަމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދީލަތި އެހީތެރިކަންވެސް ސަރުކާރަށް ދަނީ ލިބެމުންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޚާއްސަކޮށް ބަލި ކޮންޓްރޯލްނުވެ ފެތުރެމުންދާ ޤައުމުތަކުގައި ފަރުވާދޭނެ ތަނެއް ނެތެވެ. ފަރުވާދޭނެ ވަސީލަތެއްނެތި، ގޮތްހުސްވެފައިވާ މަންޒަރު ދަނީ ފެންނަމުންނެވެ. ނަމަވެސް އަޅުގަނޑުމެންފަދަ ކުޑަކުޑަ ވަސީލަތްމަދު ޤައުމަކުން މިލިބޭ ޙިދުމަތާއިމެދު އަޅުގަނޑުމެން މިއަދު ޝުކުރުވެރިވާންޖެހެއެވެ.