ސިޔާސީ

ތިން ކައުންސިލެއްގެ ބައިި-އިލެކްޝަން ނުބާއްވާގޮތަށް ނިންމައިފި


އަންނަ އޮގަސްޓްމަހުގެ އެއްވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ލޯކަލް ލައުންސިލްގެ ބައި-އިލެކްޝަންތައް ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން
ނިންމަވައިފިއެވެ. 

އެކޮމިޝަނުން މިގޮތަށް ނިންމެވީ ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ
އިސްލާހު މިއަދު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން ބަންޑާރަނައިބުގެ
މަޝްވަރާގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.



ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ނުބާއްވަން ނިންމެވި
ތިން ބައި އިލެކްޝަނަކީ ހދ. ދިއްދޫ ކައުންސިލް، ހދ. ނާވައިދޫ ކައުންސިލް އަދި ނ.
ހެނބަދޫ ކައުންސިލްގެ ބައި-އިލެކްޝަނެވެ.



ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލްގެ ގޮނޑިއެއް
ހުސްވިޔަސް، ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު
ހަމަވާނަމަ، ވަކިވި މެމްބަރުގެ ބަދަލުގައި އާ މެމްބަރަކު އިންތިހާބު ކުރުމަށް
ލާޒިމެއް ނޫނެވެ.  

އިލެކްޝަންސް ކޮމިޝަނުން ބައި
އިލެކްޝަން ނުބާއްވަން ނިންމެވި ތިން ކައުންސިލްގައިވެސް ކައުންސިލްގެ ބައްދަލުވުންތައް
ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން
ވިދާޅުވެއެވެ. ބައި އިލެކްޝަން ނުބާއްވާ ގޮތަށް ނިންމިއިރު، މި ތިން ދާއިރާގައި ބައި
އިލެކްޝަން ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށާއި، އަދި
ރަށްރަށަން ފުރަންޖެހޭ ޓީމްތައްވެސް މާދަމާ ފުރަންހަމަޖެހިފައިވާކަމަށް
އިލެކްޝަނުން މައުލޫމާތުދެއެވެ.