ސިއްހަތު

3 ރަށެއްގެ ހެލްތް ސެންޓަރު މަރާމާތުކުރަނީ


އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއި ހެލްތް ސެންޓަރުތައް އާބާތުރަފިލުވުމަށް ހެލްތް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ތިން ރަށެއްގެ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތިން ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މަރާމާތުކުރުމަށް ހަމަޖެހިފައިވާ ހެލްތް ސެންޓަރުތަކަކީ، ކ. ކާށިދޫ، ކ. މާފުށި އަދި ނ. ކުޑަފަރީ ހެލްތް ސެންޓަރެވެ. މި ތިން ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރިކަމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ކ. ކާށިދޫ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ހަ ލައްކަ ހަތްދިހަ އެއްހާސް ރުފިޔާއަށް ހަވާލުކޮށްފައިވަނީ ޓްރައިކޯރ އިންވެސްޓްމަންޓްސް ނަމަކަށްކިޔާ ކުންފުންޏަކަށެވެ. ކ. މާފުށީ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ނުވަލައްކަ ވިހިހާސް ރުފިޔާއަށް ހަވާލުކޮށްފައިވަނީ ހަވާވުޑް ވާރކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ކުޑަފަރީ ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ހަ ލައްކަ ސޯޅަހާސް ރުފިޔާއަށް ހަވާލުކޮށްފައިވަނީ ދިވެހި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.