ޚަބަރު

މުޅި މުޖްތަމައު ނުރައްކަލަށް ވައްޓާނުލާ - އަމީން


ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނި އެކަން ސިއްރު ކުރުމަކީ މުޅި ރާއްޖެ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއްކަމުން އެކަން ނުކުރެއްވުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ކޯވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރިސޯޓްތަކުގައި ތިބި ބައެއް ފަރާތްތަކުން 14 ދުވަސް ހަމަވުމުން ނުވަތަ އެ މުއްދަތު ހަމަވާން ކައިރިވުމުން ހެލްތް މިނިސްޓްރީ މައުލޫމާތު އެއްކުރުމަށް އައުމުން ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ހުރި ނަމަވެސް އެކަން ބައެއް ފަރާތްތަކުން ސިއްރުކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން ޕޮޒިޓިވް ކޭސްތަކެއް ނުފެނި މަދު ދުވަސްތަކެއް ދިޔުމާއި ޝައްކުކުރެވޭ ކޭސްތައް ފެންނަވަރު މަދުކަމަށް ގަބޫލުކުރެވުނު ނަމަވެސް މިކަމުގައި ފަރުވާކުޑަކޮށްލާ ކަން ފަސޭހަނުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށްވެސް މިނިސްޓަރ އަމީން ވަނީ އިލްތިމާސްކުރައްވާފައެވެ. ނޫންނަމަ މިކަމުގެ ސަބަބުން މުޅި ރާއްޖެ ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަޑުމެންނަށް ފާހަގަވެފައި އެބަހުރި 14 ދުވަސް ވުމުން ނުވަތަ 14 ދުވަސްވާން ކައިރިވުމުން އަލާމާތައް ހުރި މީހުން މިހާތަނަށް ބައެއް ފަރާތަކުން އެ މައުލޫމާތު ހިއްސާނުކޮށް ހުރިކަން ފާހަގަކުރެވޭ. މައުލޫމާތު ސިއްރުކުރުމުގެ ސަބަބުން ނުވަތަ އަލާމާތެއް ހުރިކަން ބުނުމުން އެމީހަކު ހުރި ރަށުގައި ތިބި ބަޔަކު އިތުރު މުއްދަތަކަށް ތިބެންޖެހިދާނެތީ އެ މައުލޫމާތު ސިއްރުކޮށްފިނަމަ މުޅި ރާއްޖޭގެ އެންމެނެވްސެ ވަރަށް ބޮޑު ނުރަކައްލަކަށް ހުށައެޅިގެން އެބަދޭ." ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ރިސޯޓްތަކުން 14 ދުވަސް ހަމަވެގެން މީހުން މުޖުތަމައަށް ނުކުންނައިރު މިދުވަސްވަރުވެސް އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ސިއްރު ނުކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

"ކޯވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް މިހާރު ހުރި ނިޒާމުތަކުގެ ތެރެއިން އެ މައުލޫމާތުތައް ކަމާއި ގުޅޭ ފަރާތްތަކަށް އެންގުމަކީ ވަރަށް މުހިއްމު ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެރަށުން ފޭބޭނީ އެރަށަށް ފަތުރުވެރިޔަކު ނާންނަތާ 14 ދުވަސްފަހުން ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާނީ ކަމާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހުކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.