ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ބައި ބިލިއަނަށްވުރެ ގިނަ މީހުން ފަޤީރުވާނެކަމަށް ފަޤީރުކަމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ބުނެފިއެވެ.
ކޯވިޑް-19ގެ އަސަރު މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށް، މަރުވި މީހުންގެ ޢަދަދުވަނީ 88،000އަށްވުރެ އިތުރުވެފައެވެ. ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ގިނަ ޤައުމުތައްވަނީ ފުރަބަންދުކޮށް ކާފިއު އިޢުލާނުކޮށްފައެވެ. އޭގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށްދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ.
ކެންޔާގެ ނައިރޯބީގައި ޤާއިމްކޮށްފައިވާ އޮކްސްފެމް ޖަމްޢިއްޔާއިން ނެރެނު ރިޕޯޓެއްގައި ބުނީ 2008ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިޘާގައި ކުރިމަތިވި ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރާނެކަމަށެވެ. އަދި 1990ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ފަޤީރުކަން އިތުރުވާނެކަމަށް އެޖަމްޢިއްޔާއިން އަންދާޒާކުރެއެވެ. އޭގެ ސަބަބުން މީގެ 30 އަހަރު ކުރިން އޮތް އިޤްތިޞާދީ ޙާލަތަށް ބައެއް ޤައުމުތައް ވެއްޓޭނެކަމުގެ އިންޒާރު އެޖަމްޢިއްޔާއިންވަނީ ދީފައެވެ.
ދުނިޔޭގެ އިޤްތިޞާދީ ޙާލަތު ބަދަލުވެދާނެ ބައެއް ގޮތްތައް ފާހަގަކޮށް އެރިޕޯޓުގައި ބުނެފައިވަނީ އާމުދަނީ ލިބޭ މިންވަރު 20 އިންސައްތަ ދަށްވެއްޖެނަމަ އެންމެ ފަޤީރު ޙާލަތުގައި އުޅޭ މީހުންގެ ޢަދަދު 434 މިލިއަނުން 922 މިލިއަނަށް އިތުރުވެދާނެކަމަށެވެ. އެޙާލަތަށް ގޮސްފިނަމަ ދުވާލަކު 5.5 ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ ޢަދަދު 548 މިލިއަނުން 4 ބިލިއަނާ ގާތްކުރާނެކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ. އަދި ފަޤީރު ޙާލަތަށް ވެއްޓޭ ފިރިހެނުންނަށްވުރެ އަންހެނުން ގިނަވާނެކަމަށްވެސް އެޖަމްޢިއްޔާއިން ލަފާކުރެއެވެ.
މިިދިޔަ ހަފްތާގައި ވޯލްޑު ބެންކުންވަނީ ދުނިޔޭގެ އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ އިރުމަތީ އޭޝިޔާއާއި ޕެސިފިކް ސަރަޙައްދުގައި ޙާލުގައި ޖެހޭ މީހުންގެ ޢަދަދު 11 މިލިއަނުން އިތުރުވާނެކަމަށް ބުނެފައެވެ.
އޮކްސްފެމުން ތައްޔާރުކުރި ރިޕޯޓުގައި ބުނީ ދުނިޔޭގެ އިޤްތިޞާދަށް ކުރަމުންދާ ގެއްލުން ކުޑަކުރުމަށް ހާލުގައި ޖެހޭ މީހުންނާއި ވިޔަފާރިތަކަށް ފައިސާގެ އެހީ ފޯރުކޮށްދީ ދަރަނި މަޢާފުކޮށްދޭންޖެހޭކަމަށެވެ. އަދި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑުންދޭ އެހީތެރިކަން އިތުރުކުރުން މުހިންމުކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް މުއްސަންދިންނާއި ބޮޑެތި އާމްދަނީ ލިބޭ ކުންފުނިތަކުން ނެގޭ ޓެކްސް އިތުރުކުރެވިދާނެކަމަށް އެރިޕޯޓުގައިވެއެވެ.
ކުރިއަރަމުންދާ ޤައުމުތަކަށް އެހީތެރިވުމަށް އެންމެ މަދުވެގެން 2.5 ޓްރިލިއަން އެމެރިކާ ޑޮލަރު ދުނިޔޭގެ ޤައުމުތަކުން ޙަރަދުކުރަން ޖެހޭނެއެވެ.