ޚަބަރު

މާލެ ސަރަޙައްދުގައި ބޭރަށް ނުކުތުން މަނާކަމަށް ކަނޑައަޅާފައިވާ ވަގުތު އުވާލައިފި


ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ބޭރަށް ނުކުތުން މަނާކަމަށް ކަނޑައަޅާފައިވާ ވަގުތު އުވާލައިފިއެވެ.

މިމަހުގެ 2ވަނަ ދުވަހު އަޅުއްވާފައިވާ މިފިޔަވަޅި އުވާލިކަން އަންގައި ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ޢިއުލާނެއް ނެރުއްވާފައެވެ.

އެޢިއުލާނުގައިވަނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން ރޭގަނޑު 20:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި، ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން ބާޠިލުކުރައްވައިފިކަމަށެވެ.

އެހެންނަމަވެސް މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، އެއްވެސް ވަގުތެއްގައި، އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަމީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓައިލަން ކަނޑައަޅާފައި އޮތް އޮތުން އެގޮތުގައި އޮންނާނެއެވެ. އަދި މީހުން އެއްތަނަކަށް ޖަމާވުން ހުއްޓުވުމަށާއި، ގައިދުރުކަން އިތުރުކުރުމަށްޓަކައި ލޯކަލް މާރުކޭޓުތަކާއި ސުޕަރ މާކެޓްތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި، ބޭންކުތަކާއި، އެހެނިހެން ގޮތްގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި ގައިދުރުކަމުގެ ރަނގަޅު މިންގަޑުތައް ހުންނާނެގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.