ޚަބަރު

ކޮވިޑް-19 : 52 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބެންކޮކް އެއަރވޭޒްގެ ދަތުރުތައް ހުއްޓާލައިފި


52 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ބެންކޮކް އެއަރވޭޒްގެ ދަތުރުތައް ހުއްޓާލައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުތަކަށް އަންނަމުންދާ ބަދަލާއި ގުޅިގެން ބެންކޮކް އެއަރވޭޒްގެ ދަތުރުތައް ހުއްޓާލާފައިވާއިރު، އެ އެއަރލައިންނުން ހިންގާ 3 އެއަރޕޯޓްވެސް މިވަނީ ބަންދުކޮށްފައެވެ.

ބެންކޮކް އެއަރވޭޒްއިން ބުނާގޮތުން އެއަރލައިންނުގެ ދަތުރުތައް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މޭމަހުގެ 1 ވަނަ ދުވަހަށް ވަނީ ހުއްޓާލާފައެވެ. މިމުއްދަތުގައި ބެންކޮކް އެއަރވޭޒްއިން ތައިލޭންޑުގައި ހިންގާ ސަމުއި، ސުކޮތައި އަދި ތްރަތް އެއަރޕޯޓު ވެސް ވަނީ ބަންދުކޮށްފައެވެ.

އެއަރލައިންގެ ކަސްޓަމަރުންނަށް ދީފައިވާ މެސެޖުގައި އެއަރލައިންގެ ރައީސް ޕުތިޕޮން ޕްރަސަރުތޮން އޮސޮތް ބުނީ ކޮވިޑް-19ގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ކަންކަން ވާނެގޮތް ބުނަން އަދި ނޭގުނުކަމުގައިވިޔަސް މިކަމުން އަރައިގަނެ ވީއެންމެ އަވަހަކަށް ހިދުމަތްތައް ދޭން ފަށާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި މިދަނޑިވަޅުގައި އެއެއަރލައިނުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށާއި، އާންމު ހާލަތަށް ރުޖުއަވުމުން ހިދުމަތްތައް އަލުން ފަށާނެކަމަށެވެ.

ބެންކޮކް އެއަރވޭޒްގެ ރައީސްގެ މެސެޖުގައި މިއީ އެއަރލައިން ހިންގާތާ މިވީ 52 އަހަރު ތެރޭގައި ހިދުމަތް މެދުކަނޑާލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްފައިވެއެވެ. އަދި ހިދުމަތް މެދުކަޑާލާފައިވަނީ މިދަނޑިވަޅުގައި ލިބޭ ގެއްލުން ކުޑަކުރުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

1968 ވަނަ އަހަރު ހިދުމަތްދޭން ފެށި ބެންކޮކް އެއަރވޭޒްއިން ދުނިޔޭގެ 28 މަންޒިލަކަށް ދަތުރުތައް ކުރެއެވެ. މިއެއަރލައިންގެ ފްލީޓްގައި 40 މަތިންދާބޯޓު އޮންނައިރު، މިއެއަރލައިންގެ ދަށުން 2449 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.