ޚަބަރު

އަލަށް ގެނައި ފިޔާ ބިސް އަލުވީގެ ސްޓޮކް އެސްޓީއޯއިން ވިއްކަން ފަށައިފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއިން އަލަށް ގެނައި ފިޔާ ބިސް އަދި އަލުވީގެ ސްޓޮކް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނެފައިވަނީ މި ސްޓޮކް ގަނޑުކޮށް އަދި ވަކިންވެސް ގަންނަން ލިބޭނެކަމަށެވެ.

އެގޮތުން އެސްޓީއޯ ސުޕަމަރކެޓް މެދުވެރިކޮށް ވަކިން ކީލޯ ގަންނަން ލިބޭއިރު، ގަނޑުކޮށް ގަންނަ މީހުންނަށް ވިއްކާނީ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެސްޓީއޯގެ ގުދަނުންކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯއިން އަލަށް ގެނައި ފިޔާ ބިސް އަދި އަލުވީގެ އަގުތައް އުޅެނީ ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ބިހެއް 1.50 ލާރިއަށެވެ. އަދި ގަނޑުކޮށް ގަންނަ ނަމަ ފިޔާ ބަސްތާއެއް އުޅެނީ 325 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާއަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

ފިޔާ ބިސް އަލުވި ގަނޑުކޮށް ވިއްކުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމުކޮށްފައިވާ އެސްޓީއޯގެ ގުދަން ހުޅުވާފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރު 13:00 އިން މެދުރު ފަހު 15:15 އަށެވެ.
އެސްޓީއޯގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި ހުންނަ ގުދަން ހުކުރު ދުވަހު ބަންދުވާނެއެވެ.

އެސްޓީއޯއިންވަނީ އެ ކުންފުނިން ވިއްކާ ފިޔާ، ބިސް، އަލުވި ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައެވެ. މިއީ މި ބާވަތްތަކުގެ އަގު ރާއްޖޭގެ ބާޒާރުގައި އުފުލެމުންދާތީ، އަގު ހެޔޮކޮށް ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި ތަކެތި ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގެނައި ބަދަލެކެވެ. އެގޮތުން މިހާރު މި ބާވަތްތައް ވިއްކަނީ ކޮންމެ މީހަކަށް އެއްކިލޯ ފިޔާ، އެއްކިލޯ އަލުވި އަދި އެއް ޓްރޭ ބިހުގެ ރޭޓުންނެވެ.

މީގެއިތުރަށް މިދުވަސްވަރާއި ދިމާކޮށް ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނެހެން، ކާޑުގެ ބާވަތްތައްވެސް އެސްޓީއޯއިންވަނީ ސްޓޮކްކޮށްފައެވެ. ގާތްގަނޑަކަށް ކުރިއަށް އޮތް 10 މަހަށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާޑުގެ ބާވަތްތައްވަނީ ސްޓޮކްކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީންވަނީ އާއްމުކޮށް ކެއުމަށް ބޭނުންކުރާ ފިޔާ އަލުވި ބިސް އަދި މުގު އެންމެ އަގޮބޮޑުކޮށް ވިއްކޭނެ އަގުތައްވެސް ކަނޑައަޅައި އަގު ކޮންޓްރޯލްކޮށްފައެވެ. އެގޮތުން މި ބާވަތްތައް މިހާރު އެންމެ އަގުބޮޑުކޮށް ވިއްކޭނީ އާދައިގެ ރަތްފިޔާ ކިލޯއެއް 20 ރުފިޔާއަށް، 1ކިލޯ އާދައިގެ އަލުވި 20 ރުފިޔާ، 1ކިލޯ ރީނދޫ މުގު 45 ރުފިޔާ އަށް އަދި ކުކުޅު ބިހެއް 1.80 ލާރިއަށެވެ.
މިއަގުތަކާ ޚިލާފަށް އަގުބޮޑުކޮށް ވިއްކާނަމަ ވިޔަފާރިތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް އިކޮނިމިކް މިނިސްޓްރިއިން ބުނެއެވެ.